09 އެޕްރީލް 2020 - 14:23

ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ގޮތެއް ނިންމަން އުޅެނީ ކާފިއުއާ މެދު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސުވާލުކުރުމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެގޮތަށް އޭނާއަށް ވިދާޅުވެވުނީ އޮޅުމެކެވެ.
ސިއްހީ ކުއްލި ހާލަތުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ. އެކަމަކު އެންއީއޯސީން މިއަދު ނިންމަން އުޅެނީ، މިދިއަ ބުރާސްފަތިދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކާފިއުއާ މެދު އެވެ. މިހާރު ކާފިއު އޮންނަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.
ކާފިއުގެ އިތުރުން މާލެ ސަރަހައްދުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
ގޮތެއް ނިންމަން އުޅެނީ ކާފިއުގެ ވަގުތު ދިގުކުރަން ކަމެއް ނުވަތަ އުވާލަން ކަމެއް ނޭނގެ އެވެ. ނަމަވެސް އާންމުންގެ އާދަތައް ހުރި ގޮތަށް ބަލާ ނަމަ، ކާފިއުގެ ވަގުތު ކުޑަކުރުމަށް ވުރެ ކައިރީ ދިގުކުރުމެވެ.
ބޭރުގައި އުޅުން މަނާ ވަގުތު ކަނޑައެޅުމުގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ބަންދުކުރަން ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ވެސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ހުއްޓާލަން ޖެހެ އެވެ.
މާލެ ސަރަހައްދުގައި ހިންގާ އިމާރާތްކުރުމުގެ މަސައްކަތްތައް ވެސް ހަވީރު 5:00 އިން ހެނދުނު 6:00 އާ ދެމެދު ކުރިއަށް ނުގެންދަން ވަނީ އަންގައިފަ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް އެންމެ މުހިންމީ މީހުން އެއްވެ އުޅުން ހުއްޓުން ކަމަށް ވާތީ މީގެ ތިން ހަފުތާ ކުރިން ފެށިގެން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އަންނަ ހަފުތާގައި ވެސް އެތަންތަން ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.