11 އެޕްރީލް 2020 - 09:37

ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖެއަށް ވެސް ބޮޑުވެ އަވަސްއަވަހަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އަންނަ އިރު އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ކޮންފަރެންސްތަކުގެ ވާހަކަތައް ދެނެގަތުން ވީ ބޮޑު ގޮންޖެހުމަކަށެވެ. ހާސްވެފައި ތިބި އެފަދަ މީހުން މައުލޫމާތު ހޯދަން ޖެހުނީ ކޮންމެވެސް މީހެއްގެ ގާތުގައި އަހައިގެންނެވެ.

އޭރުވެސް އެކަމުގައި އެހީތެރިވާން އަމިއްލައަށް އިސްނެގި އެކަކީ ޖަމާލުއްދީން ސްކޫލްގެ ލީޑިން ޓީޗަރު މަރިޔަމް ފަޒްނީ އެވެ. އިޝާރާތުގެ ބަހުން ތަރުޖަމާ ކޮށްދޭން އުޅޭތާ 12 އަހަރު ވީ ފަޒްނީ އޭރުވެސް ގެންދިޔައީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ މުހިންމު ވާހަކަތައް ވީޑިއޯ ކޯލް މެދުވެރިކޮށް ބުނެދެމުންނެވެ.
"ޕްރެސްތައް ފަށައިގެން ކުރިއަށް ދިޔައިރު އަމިއްލައަށް ވެސް ވަރަށް އުނދަގޫވި މިކުދިންނަށް އެނގޭނެ ގޮތެއް ނެތީމަ. ދެން ވީޑިއޯ ކޯލްކޮށް އެކުދިންނަށް ފޮނުވީމަ އެ ކުދިން އަނެއްކާވެސް ވީޑިއޯ ހަދައި އެހެން ކުދިންނަށް ފޮނުވަނީ. އެހެން ވަރަށް ދަތިކޮށް ފުރަތަމަ އެކަން ކުރީ،" ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިދުމަތް ކުރުމުގެ ރޮނގުން ގައުމީ އިނާމް ވެސް ލިބިފައިވާ ފަޒްނީ ބުންޏެވެ.
އެ ކަންބޮޑުވުންތަކާ އެކު ހުއްޓައި، ދިވެހި ރެޑް ކްރެސެންޓުން ގުޅައި އެދުނީ ޕްރެސް ކޮންފަރެންސްތަކުގައި އިޝާރާތުގެ ބަހުން ތަރުޖަމާ ކޮށްދިނުމަށެވެ. އެ ފުރުސަތު ލިބުމާ އެކު އެކަމަށް ވޮލަންޓިއާކުރީ އެ މަސައްކަތުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ފަޒްނީގެ އިތުރުން ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގައި މަސައްކަތް ކުރާ ސައީދު އަހުތަރާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ މަރިޔަމް ޝަހުދާ އެވެ. ރާއްޖޭގެ ޑެފް އެސޯސިއޭޝަންގައި މަސައްކަތް ކުރަމުން އަންނަ އަދި އެތައް ޖަލްސާއަކާއި ބައްދަލުވުމެއް އިޝާރާތުގެ ބަހުން ތަރުޖަމާކޮށް އެކަމުގެ ތަޖުރިބާ ވެސް ތިން ޒުވާނުންނަށް ލިބިފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް ބަލާ ހުރިހާ އެންމެނަށް ވެސް މި ތިން ހުށައެޅުންތެރިންގެ ކުޅަދާނަކަށް ފެންނާނެ އެވެ. ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އާއި އެ ބައްދަލުވުންތަކުގައި ބައިވެރިވާ އެހެން އެންމެން ދައްކަވާ ވާހަކަ ވަގުތުން ވަގުތަށް އިޝާރާތުގެ ބަހުން ތަރުޖަމާކޮށް، ހާއްސަ އޯޑިއަންސަކަށް ފޯރުކޮށްދެ އެވެ.
"ވާހަކަ ދައްކަމުންދާއިރު އެ އަޑުއަހާފައި ވަގުތުން ބަދަލުކޮށްލަނީ ސައިން ލެންގްއޭޖަށް. ސައިން ލެންގްއޭޖްގައި އެއްވެސް ގްރެމާއެއް ނޯންނާނެ. ދެން މޫނަށް ގެންނަ ބަދަލުތަކުން އެކަމެއްގެ ސީރިއަސް ކަމާއި ބިރުވެރިކަން ބުނެދެނީ،" ފަޒްނީ ކިޔައިދިނެވެ.
"ކޮވިޑް-19 ގެ ކަންކަމުގެ ތެރޭގައި އަބަދު މިހާރު މިއުޅެނީ. ގިނައިން މިދެކެވެނީ އެއް ވާހަކަތަކެއް. އެހެންވެ ވަރަށް ފަސޭހަ އިޝާރާތުން ބުނެދޭން."
އިޝާރާތުގެ ބަހުން ތަރުޖަމާ ކުރާއިރު އެކަމުގެ އުނދަގޫ ކަމާއި ފަސޭހަކަން ގުޅިފައިވާނީ ވާހަކަ ދައްކާ ސްޕީޑާ އެވެ. މާ އަވަހަށް ނުވަތަ މާ ލަހުން ވާހަކަ ދައްކާ ނަމަވެސް އިޝާރާތުގެ ބަހުން ތަރުޖަމާކޮށްދޭން ދަތިތަކާ ކުރިމަތިވެ އެވެ.
އިޝާރާތުގެ ބަހުން ތަރުޖަމާ ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާކާރު މީހުންގެ ތެރޭގައި ހިމެނޭ ފަޒްނީ ބުނީ އެންއީއޯސީގެ ތަރުޖަމާން މަބުރޫކުގެ ވާހަކަތައް ތަރުޖަމާ ކުރަން ވަރަށް ފަސޭހަ ކަމަށެވެ. އަދި މަބުރޫކުގެ ވާހަކަ ދެއްކެވުމަކީ އޭނާގެ ކެރިއަރުގައި ދިމާވި ތަރުޖަމާކުރަން އެންމެ ފަސޭހަ ހުށައެޅުން ކަމަށް ވެސް ބުންޏެވެ.
"މަބްރޫކް ވާހަކަ ދައްކަވާއިރު ސީދާ ޕޮއިންޓަށް ދޭ. ވަށައިގެން ބައިވަރު ވާހަކަތަކެއް ނުދައްކަވާ. އަދި ސްޕީޑް ވަރަށް ރަނގަޅު،" ފަޒްނީ ބުންޏެވެ.
އިޝާރާތުގެ ބަސް އޭނާ ދަސްކުރީ ޖަމާލުއްދީން ސްކޫލްގެ ޓީޗަރަކަށް 2007 ގައި މަސައްކަތް ފެށި ހިސާބުންނެވެ. ފޮތްތަކުގެ އިތުރުން ދެން އެ ބަސް އޭނާއަށް އެންމެ ބޮޑަށް ދަސްވީ ކިޔަވައިދިން ކުދިންގެ ފަރާތުންނެވެ. އެ ސްކޫލްގައި ކިޔަވާ އަޑުއިވުމުން މަހުރޫމް ވެފައިވާ ކުދިންނާ ވާހަކަ ދެއްކުމަކީ އެ ބަސް ދަސްވުމުގެ އިތުރުން އެކުދިންނަށް ހިދުމަތް ކުރުމަށް އޭނާގެ ހިތުގައި ލޯބި އުފެދުނު ކަމެކެވެ.
ރާއްޖޭގައި އަޑުއިވުމުން މަހުރޫމްވެފައިވާ 3،000 އެއްހާ ދިވެހިން އުޅެ އެވެ. އެހެންކަމުން ކޮވިޑް-19 އާ ގުޅިގެން އާއްމުން ހޭލުންތެރި ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އިޝާރާތުގެ ބަހުން ތަރުޖަމާކޮށް ގެނެސްދިނުމަކީ ވަރަށް ބޮޑު ހިދުމަތެކެވެ.
"ކުދިން މެސެޖްކޮށްފައި އެބަ ބުނޭ ކަންކަން މިހިނގާ ގޮތްތައް. އެހެންވީމަ އެބަ އެނގޭ އެކުދިންނަށް އަންޑަސްޓޭންޑް ވާކަން،" އުފަލުން ހުރެ ފަޒްނީ ބުންޏެވެ.
ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުންތަކެއް ނޫނެވެ. ކޮވިޑާ ގުޅިގެން މުހިންމު އެހެން ކަމެއް ހިނގިޔަސް ވީޑިއޯ ކޯލް މެދުވެރިކޮށް ފަޒްނީމެން އަންނަނީ އެ މައުލޫމާތު އެކުދިންނާ ހިއްސާކުރަމުންނެވެ.
ތިން ތަރުޖަމާނުންގެ އަގުހުރި މި މަސައްކަތް ވަރަށް ގިނަ މީހުން ބަލައިގަނެ އެވެ. އަދި މިއީ މިހާރު ޓީވީތަކުން ފެންނަ އެންމެ އާންމު މޫނުތަކަށް ވެސަ ވަނީ ވެފަ އެވެ.