އަމީތާބުގެ ކާފަ ދަރިފުޅު ނަވްޔާ އެކްޓިން އަށް ޝައުގުވެރިކަމެއް ނެތް
އަމީތާބުގެ ކާފަ ދަރިފުޅު ނަވްޔާ އެކްޓިން އަށް ޝައުގުވެރިކަމެއް ނެތް

އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ ފިލްމު ކުޅުމަށް އެއްވެސް ޝައުގުވެރިކަމެއް އަދި ނެތް ކަމަށް އޭނާގެ މަންމަ އަދި އަމީތާބުގެ ދަރިފުޅު ޝްވޭތާ ނަންދާ ބުނެފި އެވެ.

ނަވްޔާގެ ރީތިކަމުންނާއި ސޯޝަލް މީޑިއާގައި އުޅޭލެއް ހަރަކާތްތެރިކަމުން ވަރަށް އަވަހަށް އޭނާ ފިލްމު ކުޅެން ފަށާނެކަމަށް ބުނެ އިންޑިއާގެ ނޫސްތަކުން ދޭތެރެ ދޭތެރެއިން ޚަބަރުތައް ފަތުރަ އެވެ. ޚާއްސަކޮށް ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާނާއި ނަވްޔާގެ އޮންނަ ގާތް ގުޅުމުގެ ސަބަބުން މި ދެ ކުދިން ބޮލީވުޑަށް ތައާރަފްވާ ޚާއްސަ ފިލްމެއް ފަށަން އުޅޭކަމުގެ ޚަބަރުތައް ވެސް ފެތުރިފައިވެ އެވެ.

ޝްވޭތާ ބުނި ގޮތުގައި ނަވްޔާ އަކީ ޓީންއޭޖް އެހެން ކުދިން އުޅޭ ގޮތަށް އުޅޭ ވަރަށް އާދައިގެ ވިސްނުމެއްގައޮ ހުންނަ ކުއްޖެކެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ތަފާތު ފޮޓޯތައް އާއްމުކުރުމަކީ އެހެން ކުދިންނެކޭ އެއްގޮތަށް ނަވްޔާ ވެސް ކުރާ ކަމެކެވެ. ނަމަވެސް އޭނާ ޕޯސްޓްކުރާ ކޮންމެ ފޮޓޯއެއް ޚަބަރަށް ހަދައި ގިނަ ބަޔަކު އެއަށް ކޮމެންޓްކޮށް އަދި ވަރަށް ގިނަ ފަހަރަށް މަލާމާތުގެ ބަސްތައް ރައްދުކޮށް ހަދާތީ ދެރަވާ ކަމަށް ޝްވޭތާ ބުންޏެވެ.

ނަވްޔާ މިހާތަނަށް ބޮލީވުޑަށް ވަނުމުގެ އެއްވެސް ކަހަލަ ވިސްނުމެއް ހުރި ކަމަށް ބުނެފައި ނުވާ ކަމަށާއި އެހެންކަމުން އޭނާ ފިލްމު ކުޅެން އުޅޭ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށް ވެސް އަމީތާބު ބުނެފައިވެ އެވެ.
ޝްވޭތާ ބުނީ އޭނާގެ ދަރިފުޅަކީ ވެސް ޓީންއޭޖް އެހެން ކުދިން އުޅޭ ގޮތަށް އުޅުމުގެ ހައްގު އޮތް ކުއްޖެއް ކަމަށާއި އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ފަތުރާ އަމިއްލަ މިނިވަންކަން ނަގާނުލުމަށް އިލްތިމާސް ކުރާށެވެ.