ކޮވިޑް-19: ލީގާ މެދު ގޮތެއް ނިންމަން ބަންގްލަދޭޝް ކްލަބްތަކުން ޕްރެޝަރުކުރަނީ
ކޮވިޑް-19: ލީގާ މެދު ގޮތެއް ނިންމަން ބަންގްލަދޭޝް ކްލަބްތަކުން ޕްރެޝަރުކުރަނީ

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގާ މެދު ގޮތެއް ނިންމުން އަވަސްކުރަން އެ ގައުމުގެ ކްލަބްތަކުން ޕްރެޝަރުކުރަން ފަށައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭން ވަނީ ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އެފްއޭއެމުން މި ގޮތަށް ނިންމީ ކްލަބްތަކާ އެކު މަޝްވަރާކުރުމަށް ފަހު އެވެ.

ފެބްރުއަރީ މަހު 13 ވަނަ ދުވަހު ފެށި ބަންގްލަދޭޝް ލީގު މެދުކަނޑާލީ މިދިޔަ މަހު 16 ގަ އެވެ. ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވަމުންދާތީ ބަންގްލަދޭޝް ސަރުކާރުން ވަނީ އެ ގައުމުން ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަ ކުރަމުންނެވެ. މިހާރު ކަންތައްތައް ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން އަލުން ފެށޭނެ ތާރީހެއް ބުނަން ނޭނގެ އެވެ.

މި މުއްދަތު ތެރޭގައި މެޗެއް ވެސް ނުކުޅޭއިރު، ކްލަބްތަކަށް ވަނީ ބޮޑު އަގުދީފައި ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ޖެހިފަ އެވެ. ސީޒަން ކުރިއަށް ނުގޮސް ދިގުލައި ގޮސްފިނަމަ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދޭން ޖެހޭ މުއްދަތު ދިގުވެ ކްލަބްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ 13 ކްލަބުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަށް ކުރާ ހޭދަ އުޅޭނީ 80،000 ޑޮލަރަށް ވުރެ މަތީގަ އެވެ.

ލީގާ މެދު ގޮތެއް ނިންމަން އެންމެ ބޮޑަށް ބާރުއަޅާ އެއް ކްލަބަކީ އެންމެ ފަހުގެ ލީގު ޗެމްޕިއަން ބަޝުންދުރަ ކިންގްސް އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކުރަމުން އަންނަ ބަޝުންދުރަ ކިންގްސްގެ ރައީސް އިމްރުލް ހަސަން ބަންގްލަދޭޝްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި ވަގުތު މެޗެއް ނުކުޅެ ބިދޭސީ ކުޅުންތެރިންނަށް ބޮޑު މުސާރައެއް ދޭން ޖެހުމަކީ އަންނަ ސީޒަނަށް ވެސް ކުރިމަތިވާނެ ގެއްލުމެއް ކަމަށެވެ.

"މި ފަހަރުގެ ސީޒަން ކެންސަލްކޮށްފިއްޔާ އަންނަ ސީޒަން ރާވަން ވެސް ފަސޭހަވާނެ. މީގައި މުހިއްމީ (ފެޑެރޭޝަނުން) އަވަހަށް ގޮތެއް ނިންމުން. އަވަހަށް ގޮތެއް ނިންމައިފިއްޔާ ކުޅުންތެރިންގެ ކޮންޓްރެކްޓާ މެދު އަމަލުކުރަންޖެހޭ ގޮތެއް ވެސް އެނގޭނީ،" އިމްރުލް ވިދާޅުވި އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ މީގެ ކަންތައްތައް ކުރާނެ ގޮތެއް ފެޑެރޭޝަނަށް ވެސް ނޭނގުން ކަމަށާއި އޭގެ ސަބަބުން ކްލަބްތަކަށް ލިބޭ ގެއްލުން އިންތިހާ އަށް ބޮޑުކަން އިމްރުލް ފާހަގަކުރެއްވި އެވެ.

ބަޝުންދުރާގެ ލޯކަލް ކުޅުންތެރިންނަށް ސީޒަން ފެށުމުގެ ކުރިން ބޮޑު އެޑްވާންސެއް ވަނީ ދީފަ އެވެ. އެ ގޮތަށް ބަލާއިރު ސީޒަން ތެރޭގައި އެ ކުޅުންތެރިންނަށް ދޭން ޖެހެނީ ކުޑަ މުސާރަ އެކެވެ. އެކަމަކު ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންގެ އަގު ބޮޑެވެ. ބަޝުންދުރާ އިން އާޖެންޓީނާގެ ފޯވާޑް ހާނަން ބާކޯސް ގެނައީ މަހަކު 20،000 ޑޮލަރުގެ މުސާރަ އަކަށެވެ. ދެން ތިބި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން އެ އަށް ވުރެން ބޮޑު މުސާރައެއް ދެނީ ކޮސްޓަ ރިކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް އަށެވެ. ކޮސްޓަ ރިކާ އަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެދިން ކޮލިންދްރެސްގެ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

"މިސާލަކަށް ލީގު އިތުރު ތިން މަހަށް ފަސް ކޮށްފިއްޔާ އަހަރެމެންގެ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ވެސް ހަމަވާނެ. މީގައި މުހިއްމީ ކުރިއަށްދާނެ ގޮތެއް ބުނެދިނުން،" އިމްރުލް ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގައި ބަޝުންދުރާ ކުޅުނު ފުރަތަމަ މެޗުން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެފަ އެވެ. އެ މުބާރާތް ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ބަޝުންދުރާގެ ކޯޗަކީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ.

ބަންގްލަދޭޝްގެ ލީގަށް މި ސީޒަނު ޕްރޮމޯޓްވި ބަރިއްދަރާ ސްޕޯޓްސް ކްލަބުން ވެސް ބިދޭސީ ފަސް ކުޅުންތެރިންނަށް ކުރާ ހަރަދު މަހަކު 17،000 ޑޮލަރަށް އަރަ އެވެ. މެޗެއް ނުކުޅެ މި ހޭދަވާ މުއްދަތުގައި މި ވަރު ކޮންމެ މަހަކު ދައްކަން ޖެހިއްޖެނަމަ މިއީ އެ ޓީމަށް ކުރިމަގުގައި ދިމާވާނެ ބޮޑު މައްސަލައެއްކަން އެ ކްލަބްގެ އޮފިޝަލަކު ވެސް ވަނީ މީޑިއާގައި ބުނެފަ އެވެ.

ލީގާއި މެދު ގޮތެއް ނިންމަން ފެޑެރޭޝަނަށް ވަރަށް އަވަހަށް ރަސްމީކޮށް ލީގުގެ ކްލަބްތަކުން ހުށަހަޅާނެ އެވެ. މިދިޔަ މަހަށް ތާވަލުކުރި ބަންގްލަދޭޝް ފުޓްބޯޅައިގެ އިންތިހާބު ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝްގެ ގިނަ ކްލަބްތަކުން ބޭނުންވަނީ މި ސީޒަން ކެންސަލްކުރާށެވެ. އެއީ ކޮވިޑް-19 އިން ބަންގްލަދޭޝް ސަލާމަތްވާނެ ސީދާ ދުވަހެއް ޔަގީންކަމާ އެކު ނޭނގޭއިރު، ފުރުސަތުގެ ބޭނުން ހިފައި އަންނަ ސީޒަން ތައްޔާރުވާން ވަގުތާއި ކްލަބްތަކުގެ ހަރަދުތަށް ސަލާމަތްކުރުމުގެ ގޮތުންނެވެ.

މި އަހަރު ބަންގްލަދޭޝްގައި ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އޭގެ ތެރޭގައި ސާފް ސުޒުކީ ކަޕާއި (ސާފް ޗެމްޕިއަންޝިޕް) އާއި އޭވީސީ ސިނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ހިމެނެ އެވެ. މި މުބާރާތްތައް ތާވަލުކޮށްފައިވަނީ އޮގަސްޓާއި ސެޕްޓެމްބަރު މަހުގަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި މުބާރާތްތައް ފަސްކުރުމުގެ ފުރުސަތު ބޮޑެވެ.

ބަންގްލަދޭޝް އިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 218 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 33 މީހުން ރަނގަޅުވިއިރު، 20 މީހުން ވަނީ މަރުވެފަ އެވެ. ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި އެ ގައުމުގައި ކޮވިޑް-19 ޖެހިފައިވާ މީހުން އިތުރުވާނެ ކަމަށާއި މި ބަލީގެ އަލާމަތްތައް ފެނުނު ކަމުގައި ވިޔަސް ޓެސްޓްކުރަނީ މަދު ބައެއް ކަމަށެވެ.