ފަރްހާން އަޚްތަރުގެ ކުރީގެ އަންހެނުންނަށް އާ ބައިވެރިއެއް
ފަރްހާން އަޚްތަރުގެ ކުރީގެ އަންހެނުންނަށް އާ ބައިވެރިއެއް

ދެ ކުދިން ލިބިފައި ވަނިކޮށް 17 އަހަރުވީ ކައިވެނި މީގެ ތިން އަހަރު ކުރިން ރޫޅައިލި ޑައިރެކްޓަރު/އެކްޓަރު ފަރްހާން އަހްތަރުގެ ކުރީގެ އަންހެނުން އަދުނާ ބަބާނީގެ ހަޔާތަށް އާ ބައިވެރިއަކު އަތުވެއްޖެ އެވެ.

ޕްރޮފެޝަނަލް ހެއާ ސްޓައިލިސްޓެއް ކަމަށްވާ އަދުނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރު ޑީނޯ މޯރިއާގެ ބޭބެ ނިކޮލާ މޯރިއާ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އަދި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަންނަކަން ފާހަގަކުރެ އެވެ.

ނިކޮލާ އަކީ އިންޑިއާގެ ފުޓްބޯޅަ އެކެޑެމީއެއް ހިންގާ މީހެކެވެ. "ރާޒް" ފަދަ ފިލްމުތައް ކުޅުނު ޑީނޯ އާއި ނިކޮލޯ އަކީ އެއް ފަޅި އިންޑިއާ އަނެއް ފަޅި އިޓަލީ މީހުންނެވެ. އެ މީހުންގެ ބައްޕަ ނިސްބަތްވަނީ އިޓަލީއަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ކައިވެނި ރޫޅައިލުމަށް ފަހު، ފަރްހާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ/މޮޑެލް އަދި ލަވަޔިޔުންތެރިޔާ ޝިބާނީ ޑަންޑޭކަރާ އެވެ. އޭނާ އަކީ އެމްޓީވީގެ ވީޖޭ އަދި ބަތަލާ އަނޫޝާ ޑަންޑޭކަރްގެ ދައްތަ އެވެ.

ފަރްހާނާއި ޝިބާނީ، 39، ކައިވެނިކުރަން އުޅޭ ވާހަކަ އަކީ ބޮލީވުޑްގައި މިދިޔަ އަހަރުން ފެށިގެން ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ.

ފަރްހާން، 46، އާއި އަދުނާ، 53، އަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެނެވެ. އެއީ މިހާރު ފުރާވަރަށް އަރާފައި ތިބި ޝަކިއާ އަޚްތަރާއި އަކީރާ އަޚްތަރެވެ.