ޗައިނާގެ ޕްރޮވިންސެއްގައި ކޮރޯނާވައިރަސް ފެތުރުމުގެ ބިރު ބޮޑުވެއްޖެ
ޗައިނާގެ ޕްރޮވިންސެއްގައި ކޮރޯނާވައިރަސް ފެތުރުމުގެ ބިރު ބޮޑުވެއްޖެ

ވޫހާން (އެޕްރީލް 9) - ގައުމުން ބޭރުން އަންނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ޗައިނާގައި "ދެ ވަނަ ރާޅެއް" އުފެދިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޗައިނާގެ ޕްރޮވިންސެއްގައި ކޮރޯނާވައިރަސް ފެތުރުމުގެ ބިރު ބޮޑުވެއްޖެ
ޗައިނާގެ ޕްރޮވިންސެއްގައި ކޮރޯނާވައިރަސް ފެތުރުމުގެ ބިރު ބޮޑުވެއްޖެ

ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުގެ ސަބަބުން އިރުއުތުރުގެ ހެއިލޯންޖިއާން ޕްރޮވިންސްގައި މިހާރު ވަނީ އަލަށް ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. ޕޮޒިޓިވް ގިނަ މީހުން އެ ޕްރޮވިންސަށް އެތެރެވެފައި ވަނީ ރަޝިޔާ އިންނެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ގައުމުން ކޮރޯނާވައިރަހުގެ 63 ކޭސް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭން 61 މީހުންނަކީ ގައުމުން ބޭރުން އެތެރެވި މީހުންނެވެ. މިއީ މާޗް 25 ވަނަ ދުވަހަށް ފަހު ޕޮޒިޓިވްވި މީހުން އެންމެ ގިނައިން ފެނުނު ދުވަހެވެ.

ގައުމުން ބޭރުން އަންނަ މީހުންގެ ތެރޭން ޕޮޒިޓިވްވާ ރޭޓް މަތިވުމުން ޗައިނާ އިން މިހާރު ވަނީ ރެސިޑެންޓް ޕާމިޓް ނުވަތަ ވިސާ އޮތް ނަމަވެސް އެއްވެސް ބިދޭސީއަކު ޗައިނާ އަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ޗައިނާ އަށް އެތެރެވާ އެ ގައުމުގެ މީހުން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ބަހައްޓަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާ އިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ 76 ދުވަހަށް ފަހު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.

ޗައިނާ އިން މިހާތަނަށް 81،865 މީހުން ޕޮޒިޓިވްވި އިރު 3،335 މީހުން ވަނީ މަރުވެފަ އެވެ.