12 އޮކްޓޯބަރ 2016 - 13:12

ލިލޮންވޭ (އޮކްޓޯބަރު 12) - އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމަށް މަލާވީގެ ރައީސް ޕީޓާ މުތާރިކާ މިދިޔަ މަހު 16 ގައި ނިއު ޔޯކަށް ވަޑައިގެންނެވި ފަހުން ޚަބަރެއް ނުވެގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
މަލާވީގެ ބައެއް ރައްޔިތުން ޓްވީޓާގައި މިހާރު ވަނީ #ބްރިންގްބެކްމުތާރިކާ ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފަ އެވެ. މަލާވީ މީހަކު ޓްވިޓާގައި ވަނީ ގެއްލިގެން އުޅޭ މުތާރިކާގެ ޚަބަރެއް ވޭތޯ މަސައްކަތް ކޮށްދިނުމަށް އެމެރިކާ އާއި ރުވާންޑާގެ ރައީސުންގެ ކިބައިން އެދިފަ އެވެ. އަނެއް ބަޔަކު ބުނަނީ އުމުރުން 70 ގެ އަހަރުތަކުގެ މުތާރިކާގެ ޚަބަރެއް ނުވެގެން އުޅެނީ އޭނާ ފަރުވާ ހޯއްދަވަމުންދާތީ ކަމަށެވެ.
އދ.ގައި މުތާރިކާ ތަގްރީރު ކުރެއްވީ ސެޕްޓެމްބަރު 25 ގަ އެވެ.
އެކަމަކު ގައުމުގެ އެކި މީހުން ދައްކާ ވާހަކަތައް މަލާވީ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. މަވާލީ ސަރުކާރުގެ ތަރުޖަމާނަކު ބުނީ މުތާރިކާގެ ހާލު ރަނގަޅު ކަމަށާއި ރައްޔިތުން ބިރު ގަންނަން ޖެހޭ ކަމެއް ނެތް ކަމަށެވެ. މުތާރިކާއާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފެތުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
"މަލާވީގެ ގާނޫނުތަކުގެ ދަށުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިފައިވީ ނަމަވެސް ޒިންމާދާރު ގޮތުގައި އެ ހައްގު ބޭނުން ކުރުމަށް އިލްތިމާސް ކުރަން،" ސަރުކާރުގެ ތަރުޖަމާން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މަލާވީގެ އެކްޓިވިސްޓެއް ކަމަށްވާ ޖެރާޑް ކަމްޕަނިކިޒާ ބުނީ ރައީސް މުތާރިކާއާ ބެހޭ ގޮތުން ފެތުރިގެން އުޅެނީ ދޮގެއްކަން ސަރުކާރުން ވީޑިއޯ ހެއްކާ އެކު ދައްކަން ޖެހޭނެ ކަމަށެވެ.