09 އެޕްރީލް 2020 - 11:33

ލަންޑަން (އޭޕްރީލް 9) - ކޮވިޑް-19 ފެތުރޭތީ އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ އެއްބަސްވެއްޖެ އެވެ.
އެ ކަމަކީ ޓޮޓެންހަމް ހޮޓްސްޕާސް އިން ދާދި ފަހުން ޕްރެކްޓިސް ފެށިއިރު، އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ސޯޝަލް ޑިސްޓަންސިން އުސޫލުތަކާ ހިލާފުވުމެވެ. ގިނަ ކުޅުންތެރިންތަކެއް އެކު އެކީގައި ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައިރު، އޭގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ޓޮޓެންހަމްގެ މައްސަލަ ހޫނުވުމާ ގުޅިގެން އެ ކްލަބުން ވަނީ ގަވާއިދާ ހިލާފުވި ކަމަށް އެއްބަސްވެ ބަޔާނެއް ނެރެފަ އެވެ. އަދި އެ ކަންތައްތަކާ ގުޅޭގޮތުން މޮރީނިއޯ އާއި ކުޅުންތެރިންނާ މަޝްވަރާކުރާނެ ކަމަށް ބުނެފަ އެވެ. ޓޮޓެންހަމްގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު މޮރީނިއޯ ވަނީ އޭނާ އަށް ވެސް ކުށެއް ކުރެވިފައިވާ ކަމަށް ބުނެ އެކަމަށް އިއުތިރާފުވެފަ އެވެ.
"އަހަރެން ގަބޫލުކުރަން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫން އަހަރެންގެ އަމަލުތައް ހުރީ. އަހަރެމެން ގާތްކަން ބަހައްޓަން އޮތް މީހުންނަކީ ހަމައެކަނި ގޭގައި އުޅޭ މީހުން އެ ގޮތަށް ދެން އަމަލުތައް ބަހައްޓާނީ. ސަރުކާރުގެ އުސޫލުތަކަށް ދެން ތަބާވާނަން. ކުޅުންތެރިން ވެސް ދެން އަމަލުކުރާނީ އެ ގޮތަށް،" މޮރީނިއޯ ބުންޏެވެ.
ލަންޑަނުގެ މޭޔަރު ސާދިގު ހާން ވެސް ވަނީ ޓޮޓެންހަމްގެ ފަރާތުން ފެނުނު އަމަލުތަކާ މެދު ހިތާމަކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުޓްބޯޅަ ތަރިންނަކީ މިސާލު ދައްކަންޖެހޭ ބަޔެއް ކަމަށާއި ސަރުކާރުގެ މި ފަދަ އުސޫލުތަކަށް އެ ކުޅުންތެރިން ފުރިހަމަ އަށް ބޯލަނބަށް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޓޮޓެންހަމުން ޓްރެއިނިން ސެންޓަރުގައި ޕްރެކްޓިސްތައް ފެށުމުގެ ކުރިން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕްރެކްޓިސް ސެޝަންތަކެއް ގެންގޮސްފަ އެވެ. ކޮންމެ ކުޅުންތެރިއެއް ގޭގައި ޓްރެއިނިން ގެންދާނެ ގޮތް ބުނެދެމުންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޓޮޓެންހަމްގެ ފިޓްނަސް ކޯޗެވެ. ހުރިހާ ކަމެއް މޮނިޓަ ކުރުމުގައި މޮރީނިއޯ ވެސް ބައިވެރިވި އެވެ.
އިނގިރޭސި ގިނަ ކްލަބްތަކުން ވަނީ ހާލަތު ރަނގަޅު ނުވަނީސް ޓީމު އެކުގައި ފަރިތަކުރުންތައް ނުފަށަން ނިންމައިފަ އެވެ. ކޮވިޑް-19 ގެ އަސަރު އިންގްލެންޑަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެ ގައުމުން މިހާތަނަށް މި ބައްޔަށް 60،733 މީހުން ޕޮޒިޓިވްވެފައިވާއިރު، 7097 މީހުން ވަނީ މަރުވެފަ އެވެ.