ރެެއާލުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ
ރެެއާލުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ

މެޑްރިޑް (އޭޕްރީލް 9) - ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރަން ރެއާލް މެޑްރިޑްގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ އެވެ.

ރެއާލުގެ މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ކްލަބްގެ ފުޓްބޯޅަ އަދި ބާސްކެޓްބޯޅަ ޓީމު ކުޅުންތެރިންނާއި ކޯޗުންނާ އެކު އެއްބަސްވުމަކަށް އައީމުސާރައިގެ 10 އާއި 20 ޕަސެންޓް ކުޑަކުރުމަށެވެ. އެއާ އެކު ރެއާލުން މުސާރަ އަށް ހޭދަކުރާ އަދަދުން 30 މިލިއަން ޑޮލަރާއި 60 މިލިއަން ޑޮލަރުގެ ދެމެދުގެ އަދަދެއް ސަލާމަތްކުރެވޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ވަގުތު އެއްބަސްވެފައި އޮތީ ރެއާލްގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ މުސާރަ 20 ޕަސެންޓް ކުޑަކުރާގޮތަށެވެ. އެއީ ސީޒަން ފުރިހަަމަ ނުވާނެ ކަމަށް ބެލުމަށް ފަހު އެވެ. އެކަމަކު ސީޒަން އެއްކޮށް ނިންމައިފިނަމަ އުނިކުރާނީ މުސާރައިގެ 10 ޕަސެންޓެވެ.

ރެއާލުން މި ގޮތަށް ނިންމީ ސްޕެއިން ސަރުކާރުގެ ސްކީމުގައި ބައިވެރިނުވާގޮތަށް އެއްބަސްވުމަށް ފަހު އެވެ. ކޮރޯނާވައިރަހުގެ މި މުއްދަތުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑުން ވަނީ ކުޅުންތެރިންގެ މުސާރަ 70 ޕަސެންޓް ކުޑަކުރަން ނިންމައިފަ އެވެ. ކުޅުންތެރިންގެ މުސާރައިގެ ވަކި އިންސައްތަ އެއް ހަމަޖެއްސުމުގައި ބާސެލޯނާ އާއި އެތުލެޓިކޯ އިން ސަރުކާރުގެ ސްކީމުގެ ބޭނުންހިފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެނިޝް ލީގު އިންތިޒާމުކުރާ އެލްއެފްޕީން ވަނީ ސަރުކާރުގެ ސްކީމް ބޭނުންކުރާ ބައެއް ކްލަބްތަކުން އަމިއްލަ ފައިދާނަގާ ކަމަށާއި އެހެންވެ ސަރުކާރުގެ ސްކީމުގައި ބައިވެރިވާ ކްލަބްތަކުން ސައްހަ ލިޔެކިޔުންތައް އެލްއެފްޕީ އަށް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަކުރުމުގައި ކްލަބްތަކުން ނުފޫޒުނުފޯރުވަން ފީފާ އިން ވަނީ އަންގައިފަ އެވެ. އަދި މުސާރަ ކުޑަކުރަން ޖެހޭނީ އޮންނަ އުސޫލެއްގެ ތެރެއިން ދެ ފަރާތަކަށް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް މުސާރަ އިން ބައެއް އުނިކުރާނަމަ ފީފާ އަށް މައްސަލަ ހުށަހަޅަން ވަނީ އަންގައިފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު އަންނަ މަހުގެ ފަހުކޮޅު ފެށިދާނެ ކަމަށް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވަނީ ވިދާޅުވެފަ އެވެ. ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެލްއެފްޕީން ވަނީ ލީގު ފެށުމަށް ތާރީހުތަކެއް ނިންމައިފަ އެވެ. އެ ގޮތުން ބަލާއިރު އެންމެ އަވަހަށް ވެސް ފެށެން އޮތީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ސްޕެއިނުގެ 148،220 މީހުންނަށް ޖެހި 14،792 މީހަކު ވަނީ މަރުވެފަ އެވެ. އަދި 48،021 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.