10 އެޕްރީލް 2020 - 09:24

އެކްޓިން އަށް ނުކުތް އިރު ވެސް، ބައްޕަ ޕަރޭޝް ރާވަލްއާ އަޅާކިޔާނެކަން އެނގޭ ކަމަށާއި އެކަމާ އެއްވެސް ބިރެއް ނެތް ކަމަށް މިއަދު ޒީ5 އިން ސްޓްރީމްކުރަން ފެށި ފިލްމު "ބަމްފާދް" އިން ތައާރަފުވި އެކްޓަރު އަދިތިޔާ ރާވަލް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ އެކްޓަރުގެ އަލަތު ފިލްމަކީ އަނޫރާގް ކެޝަޕް ޕްރޮޑިއުސްކޮށް، ރަންޖަން ޗަންދެލް ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ތުރިލާއެކެވެ. "ބަމްފާދު" ގެ ބަތަލާ އަކީ ތެލެގޫ ފިލްމުތައް ކުޅޭ ޝާލިނީ ޕާންޑޭ އެވެ.
މި ފިލްމުގެ ޓްރެއިލާ ޕަރޭޝް ޓްވީޓްކޮށް، ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ.
ކެރިއަރާ ބެހޭ ގޮތުން އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި އަދިތިޔާ ބުނީ އޭނާގެ ބައްޕަ އަކީ މޮޅު އެކްޓަރަކަށްވާތީ ދެ މީހުންގެ ކިބައިގައި ހުރި ހުނަރަށް ބެލުންތެރިންނާއި މީޑިއާތަކާއި ކްރިޓިކުން ވެސް ފާޑުކިޔައި، އަޅާކިޔާނެކަން އެނގޭ ކަމަށެވެ. އެކަމަކު އެކްޓިން އަށް ނުކުތީ މިކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގިންކަމާއި އިތުބާރު އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް އޮތުމުން ކަމަށާއި އަޅާކިޔުމަކީ ބިރު ގަންނާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރަން ބައްޕަ އަކީ ބޮލީވުޑްގެ ވަރަށް ހުނަރުވެރި އެކްޓަރެއްކަން. އަދި ބައްޕަގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވެ، ވަރަށް ގިނަ ހިޔާލާއި މަޝްވަރާ ވެސް ލިބިފައިވޭ. އަހަރެން ކޮލެޖްގައި އުޅުނު ވެސް އިރު ކުޅެފައިވާ ޑްރާމާތަކާ އެއްޗެހި ބައްޕަ އަށް ފެނިފައި ހުންނާނީ،" އަދިތިޔާ ބުންޏެވެ. "އަދި ވަރަށް ހިތްވަރުދޭ މީހެއް ބައްޕަ އަކީ."
އޭނާ ބުނިގޮތުގައި ތަރިންގެ ދަރިންނަކީ އަބަދު ވެސް އެ މީހުންގެ މައިންބަފައިންގެ ހުނަރާއި އެ މީހުންނާ އަޅާކިޔާނެ ކަމެކެވެ. އެކަމަކު ކޮންމެ މީހަކީ ވެސް އެމީހެއްގެ ގޮތުގައި ތަފާތު މީހެއް ކަމަށާއި ޕަރޭޝްގެ ދަރިއަކަށްވުމަކީ އޭނާ އެކްޓްކުރާ ގޮތަށް އެކްޓްކުރަން ލާޒިމުވާން ޖެހޭ ސަބަބެއް ނޫން ކަމަށް އަދިތިޔާ ބުންޏެވެ.
"އަހަރެން ގަބޫލުކުރަން އެކްޓަރެއްގެ ދަރިއަކަށްވީތީ މީހުންގެ އެކްސްޕެކްޓޭޝަން ތަންކޮޅެއް މަތިވާނެކަން ވެސް. އެކަމަކު ތަރިއެއްގެ ދަރިއަކަށްވުމަކީ ވަކި ހާއްސަ އިނާޔަތްތަކެއް ފުރުސަތެއް ލިބެން ޖެހޭ ސަބަބެއް ނޫން. އަދި އެއީ ކާމިޔާބީ އާއި ނާކާމިޔާބީއާ ވެސް ގުޅިފައި އޮތް ކަމެއް ވެސް ނޫން،" އޭނާ ބުންޏެވެ. "ކާމިޔާބު މީހަކަށްވެވޭނީ ހިތްވަރާ އެކު ބުރަކޮށް މަސައްކަތްކޮށް، އެ މީހެއްގެ އަމިއްލަ ހުނަރު ދެއްކިގެން. އަހަރެން ހުރީ އެގޮތަށް މަސައްކަތްކުރަން ނުކުމެ."
އަދިތިޔާ ބުނިގޮތުގައި އޭނާގެ މަންމަ ވެސް އަބަދު ހަނދާންކޮށްދޭ ކަމަކީ ކާމިޔާބު މީހަކަށްވެވޭނީ ނާކާމިޔާބީއާ ވެސް ކުރިމަތިލާން ކެރިގެންނެވެ. އެހެންވެ އެއީ އަބަދު ވެސް ސިކުނޑީގައި ބަހައްޓާނެ ކަމެއް ކަމަށް ބުންޏެވެ.
"ވެއްޓުނީމަ އަނެއްކާ ވެސް ތެދުވެ، ކުރިއަށް ވުރެ ބާރަށް ދުއްވައިގަންނަން އަހަންނަށް އެނގޭނެ." އަދިތިޔާ ބުންޏެވެ. "އަހަރެން މިހާރު މި ހުންނަނީ ބަމްފާދް ބަލާފައި ބެލުންތެރިންނާއި ކްރިޓިކުންނާ ބުނާ އެއްޗެއް އަޑުއަހަން ކެތްމަދުވެފައި. އަދި ފިލްމާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ."