13 އޮކްޓޯބަރ 2016 - 06:12

ލޮނަކީ ސުޕާބަގް މަރަން ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. މިކަން އެނގުނީ ޑައުގު އޯލްސަން ކިޔާ މީހަކު އޭނާގެ އަމިއްލަ ގަރާޖުގައި އަޖުމަ ބެލުމަށް ކުރި ކަމަކުންނެވެ.
ލޮނު ބޭނުންކޮށްގެން އޭނާ ވަނީ ދޮރުގެ ގޮބު، އެނދުގެ ފަޑި، އިސްކުރު، ފާޚާނާގައި ބޭނުންކުރާ ބައެއް އެއްޗެހި ތައްޔާރުކޮށްފަ އެވެ. މިކަމަށް މާ ބޮޑު ޚަރަދެއް ވެސް ނުހިނގާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ލޮނަކީ އެއްގަމު މަސް ނުބައި ނުވެ ގިނަ ދުވަހު ބެހެއްޓުމަށް ބޭނުންކުރާ އެއްޗެއްކަން އެނގުމުން ލޮނުން ހިފިދާނެ އެހެން ބޭނުންތައް ހޯދުމަށް އޯލްސަން ޝައުގުވެރިވީ ކަމަށް އޭނާ ބުނެފައިވެ އެވެ.
"މާގިނައިން ލޮނު ހުންނަ ތަންތަނުގައި އެއްވެސް އޯގަނިޒަމްއަކަށް ސަލާމަތަކުން ނުތިބެވޭނެ. މި ޕްރޮސެސް އަށް ކިޔަނީ އޮސްމޮލައިސިސް،" ވެއްލޫރުގެ ކްރިސްޓިއަން މެޑިކަލް ކޮލެޖުގެ މައިކްރޮބައޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ. ބާލާޖީ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އޯލްސަން ހެދި ރިސާޗުން އޭނާއަށް ވިސްނުނު ގޮތުގައި ސުޕަބަގް، މެތިސިލިން ރެސިސްޓެންޓް ސްޓެފެލޯކޯކަސް އޯރިއަސް (އެމްއާރްއެސްއޭ) އަށް ލޮނުގައި ސަލާމަތުން ތިބެވެނީ އެންމެ ފަސް މިނިޓެވެ. ކޮޕާގައި މި ސުޕަބަގަށް 90 މިނިޓް ދިރި ތިބެވެ އެވެ. އަދި ސްޓެއިންލެސް ސްޓީލްގައި ހަ ގަޑިއިރަށް ވުރެ ގިނައިރު ދިރި ތިބެވެ އެވެ.
ސުޕަބަގުން ޖެހޭ އިންފެކްޝަންތަކަކީ އެންމެ ސީރިއަސް އިންފެކްޝަންތަކެވެ. ސަބަބަކީ އެހެނިހެން ޕެތޯޖަންސްއާ ޚިލާފަށް ކޮންމެ ކަހަލަ މާހައުލެއްގައި ވެސް މި ޕެތޯޖަންސް އަށް ސަލާމަތުން ތިބެވޭތީ އެވެ.
"ވަރަށް މަތީ ޓެމްޕްރޭޗާއެއްގައި ބަހައްޓައިގެން ދޮރުގެ ގޮބު ފަދަ ތަކެތީގެ ބޭރުގައި ލޮނުގެ ފަށަލައެއް ލަނީ. ކާރުގައި ޓެފްލޯން ކޯޓެއް ލާ ގޮތަށް. ނަމަވެސް މި ކޯޓު މުޅި އުމުރަކަށް ނުހުރޭ. ބޭނުންކުރާ ނަމަ ދެތިން ހަތަރު އަހަރު ތެރޭގައި ބޭނުން ކެނޑޭނެ. ނަމަވެސް މި ޓެކްނޮލޮޖީއަކީ ބޭނުންތެރި އެއްޗަކަށް ވެއްޖެ ނަމަ މި ވައްތަރުގެ އެއްޗެތި މިއަށް ވުރެ މާ ރަނގަޅަށް އުފެއްދުމަށް މަސައްކަތް ކުރެވިދާނެ،" މި މަސައްކަތުގައި އުޅޭ އާކިޓެކްޓެއް ކަމަށްވާ ސަތީޝް ބުނެފައިވެ އެވެ.
މި އީޖާދަށް ތައުރީފުކުރަމުން މައިކްރޮބައޮލޮޖިސްޓެއް ކަމަށްވާ ރަންޖާނީ ވިދާޅުވީ ލޮނަށް ރެސިސްޓެންޓް ނޫން މައިކްރޯބްސް ފަނާކޮށްލަން މި ޓެކްނިކް ވަރަށް ރަނގަޅުވާނެ ކަމަށެވެ. އަދި މިއީ ސަލްމޮނެލާ އިންފެކްޝަނަށް ފަރުވާ ކުރާއިރު ވެސް ބޭނުންކުރެވިދާނެ އުކުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.