09 އެޕްރީލް 2020 - 12:12

ޖޮހަނަސްބާގު (އެޕްރީލް 9) - ސައުތު އެފްރިކާ ލޮކްޑައުންކޮށްފައި ވަނިކޮށް، އަމުރާ ޚިލާފަށް ބޭރަށް ނުކުމެ އުޅުއްވި އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ދެ މަހަށް ސަސްޕެންޑްކޮށްފި އެވެ.
ރައީސް ސިރިލް ރަމަފޯސާ އެޅުއްވި މި ފިޔަވަޅުގެ ދަށުން މިނިސްޓަރު ސްޓެއްލާ ނަދަބެނީ-އަބްރަހަމްސް ސަސްޕެންޑް ކުރި ދެ މަހުގެ ތެރޭން އެއް މަހުގެ މުސާރަ ވެސް ނުދޭން ވަނީ ނިންމައިފަ އެވެ. ރައީސް ރަމަފޯސާ އެ ގޮތަށް އަމަލުކުރައްވާފައި ވަނީ މިނިސްޓަރު ސްޓެއްލާ ބޭރަށް ނުކުމެވަޑައިގެން އޮފިޝަލަކާ އެކު މެންދުރުގެ ފަރިއްކޮޅެއްގައި އިންނެވި މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެންނެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން 21 ދުވަހަށް ސައުތު އެފްރިކާ ލޮކްޑައުންކޮށްފައި ވަނީ މާޗް 27 ގަ އެވެ. ލޮކްޑައުން އަމުރުގައިވާ ގޮތުން އެއްވެސް މީހަކަށް ބޭރަށް ނުކުމެވޭނީ އަސާސީ އައިޓަމްތައް ކަމަށްވާ ބޭހާއި ކާބޯތަކެތި ހޯދުން ފަދަ ކަންކަމުގަ އެވެ. ލޮކްޑައުން ކުރިތާ ކުރީކޮޅު ފުލުހުން ވަނީ އަމުރާ ޚިލާފުވި 17،000 މީހުން ހައްޔަރުކޮށްފަ އެވެ.
ސައުތު އެފްރިކާގައި މިހާތަނަށް ވަނީ 1،845 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 18 މީހުން މަރުވެފަ އެވެ.