09 އެޕްރީލް 2020 - 12:08

ދުބާއީ (އެޕްރީލް 9) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން މަދުކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ދުބާއީގައި ކައިވެނި ކުރުމާއި ވަރިކުރުން ވަކި މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލަން އެ ގައުމުގެ ފެމިލީ ކޯޓުން ނިންމައިފި އެވެ.
ދުބާއީގެ ޕާސަނަލް ސްޓޭޓަސް ކޯޓުން ބުނެފައި ވަނީ ކައިވެނީގެ ސެޓްފިކެޓް ދޫކުރުމާއި ވަރި ސާބިތު ކުރުން ފަދަ ހުރިހާ ގާނޫނީ ޚިދުމަތެއް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ކައިވެނި ހަފުލާތައް މިދުވަސްވަރު ވީހާވެސް މަދު ކުރުން ކަމަށެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އިޖްތިމާއީ ހުރިހާ އެއްވުންތަކެއް ބޭއްވުން މަނާކޮށްފަ އެވެ. ސްކޫލްތަކާއި ޝޮޕިން މޯލްތައް އަދި މުނިފޫހިފިލުމުގެ މަރުކަޒުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ޔޫއޭއީގެ ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އަދި އިއްތިހާދު އެއާވޭޒްގެ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ދެ ހަފުތާ ފަހުން މިހާރު ވަނީ މަދުމަދުން ދަތުރުތައް ފަށައިފަ އެވެ.
ޔޫއޭއީން މިހާތަނަށް ވަނީ 2،659 މީހުން ޕޮޒިޓިވްވެ 12 މީހުން މަރުވެފަ އެވެ.