އެމްއެމްޕީއާރުސީން ދައްކަން ޖެހޭ 80 މިލިއަން ރުފިޔާ އަދިވެސް އެބައޮތް: އެމްޕީއެލް
އެމްއެމްޕީއާރުސީން ދައްކަން ޖެހޭ 80 މިލިއަން ރުފިޔާ އަދިވެސް އެބައޮތް: އެމްޕީއެލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އެކި ފަހަރުމަތިން ނެގި ފައިސާގެ ތެރެއިން 80 މިލިއަނެއްހާ ރުފިޔާ އަދިވެސް ނުދައްކާ އެބައޮތް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އެ ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް ޖުނައިދު ނުދެއްވަ އެވެ.

"އޭގެ ތެރެއިން ބައެއް ނުލިބި އެބައޮތް. އެއީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަދިވެސް ނުލިބި އޮތް ކަމަށް ދައްކަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އަށް ޑޮލަރު ވިއްކުމަށް އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމުގެ ދަށުން 13.31 މިލިއަން ޑޮލަރު ވިއްކުމަށް އެއްބަސްވެ، އެއަށްވާ ފައިސާ އެމްއެމްޕީއާރުސީން ހޯދާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އެމްޕީއެލް އިން ނެގި ފައިސާގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޕީއެލްއަށް ދީފައި ވަނީ 7.79 މިލިއަން ޑޮލަރު ކަމަށެވެ. އަދި ބާކީ 5.52 މިލިއަން ޑޮލަރު ދައްކާފައި ނުވާކަން އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.