ޖަރުމަނާއި ޓައިވާންގައި ޒޫމް މަނާކޮށްފި
ޖަރުމަނާއި ޓައިވާންގައި ޒޫމް މަނާކޮށްފި

ރަސްމީ މުއައްސަސާތަކާއި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ، ޖަރުމަނާއި ޓައިވާނުގައި ޒޫމް މަނާކޮށްފި އެވެ.

ޒޫމް އަކީ "ޓެލެކޮންފަރެންސިން" އެޕްލިކޭޝަނެކެވެ. ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ބަޔަކު ގޭގައި ތިބެންޖެހުމުން، ޒޫމް ބޭނުންކުރާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއީ ވީޑިއޯ ކޯލް އަދި ކޮންފަރެންސް ކޯލް މެދުވެރިކޮށް ހިންގާ މުއާމަލާތްތައް އިތުރުވުމާ ގުޅިގެންނެވެ.

ގައުމުތަކުގައި، ރަސްމީ އިދާރާތައް އޮންލައިންކޮށް ހިންގުމަށްޓަކައި ޒޫމް ބޭނުންކުރެ އެވެ. ސްކޫލްތަކުގައި ޒޫމް މެދުވެރިކޮށް މުދައްރިސުން ކިޔަވައި ދެ އެވެ. އާއިލާތައް ގުޅުން ބަދަހިކުރުމަށް، އެކަކު އަނެކަކު ފެނިދެނިވުމަށް ވެސް ޒޫމް ބޭނުންކުރެ އެވެ. ނަމަވެސް، ޒޫމް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތާއި، ސަރުކާރު އޮފީސްތަކުން ކޮންމެހެން ސިއްރުކުރަން ޖެހޭ މައުލޫމާތު، ގުޅުމެއް ނެތް ބައެއްގެ އަތްމައްޗަށް އަރާފާނެ ކަމަށް އޮތް ބިރު، ޒޫމް ހިންގާ ކުންފުންޏަށް ވަނީ ކަނޑުވައިނުލެވިފަ އެވެ.

ޒޫމްއާ މެދު އެންމެ ފުރަތަމަ ޝައްކުކުރެވުނީ، ޒޫމް މެދުވެރިކޮށް މުއާމަލާތްކުރުމަށް ޗައިނާ ސާވާތައް ބޭނުންކުރާކަން އެނގުމުންނެވެ. އެހެން ނަމަވެސް، ޒޫމްގެ މެނޭޖްމަންޓުން ބުނީ އެއީ އޮލުމަކުން ކުރެވުނު ކަމެއް ކަމަށާއި، ޗައިނާ ނޫން ގައުމުތަކުގައި ޒޫމް ބޭނުންކުރާ މީހުންނާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ޗައިނާ ސާވާތަކަށް ނުވަންނާނެ ކަމަށެވެ.

ޓައިވާނުން ގަބޫލުކުރާ ގޮތުގައި، ރަސްމީ އިދާރާތަކުން އޮންލައިންކޮށް ހިންގާ އެއްވެސް މައުލޫމާތެއް ޗައިނާ އަށް އެނގިގެން ނުވާނެ އެވެ. ޓައިވާންގައި ޒޫމް ބޭނުންކުރާ މީހުން ހިމާޔަތްކުރެވޭ ފެންވަރު އެޕްލިކޭޝަންގައި ނެތް ނަމަ، ގޫގުލް އަދި މައިކްރޮސޮފްޓުން މިހާރު ހިލޭ ފޯރުކޮށްދޭ މި ފަދަ ޚިދުމަތްތައް ބޭނުންކުރަން ޖެހެ އެވެ.

ޖަރުމަނުން ވެސް ބުނަނީ ދާދި އެއް ވާހަކައެކެވެ. ޒޫމްގެ ރައްކާތެރިކަމާ މެދު މިހާރު އުފެދިފައި ހުރި ޝައްކުތައް ފިލައިދަންދެން، ސަރުކާރުގެ މުހިންމު ބޭނުންތަކުގައި ޒޫމް ބޭނުންނުކުރަން ވަނީ އަންގާފަ އެވެ.
ޓައިވާނާއި ޖަރުމަނުން ޒޫމް ބޭނުންކުރުން މަނާކުރި ނަމަވެސް، ޒޫމް ވަނީ އަދި އެ ފަދަ ބުނުމަކުން ހުއްޓޭ ވަރަށް ވުރެ ފުޅާވެފަ އެވެ. ޒޫމް އަކީ މިހާރު ބޭނުން ބޮޑު އެޕްލިކޭޝަނެކެވެ.

ޒޫމްގެ މެނޭޖްމަންޓުން ބުނި ގޮތުގައި، ޒޫމްގައި ދޯހަޅިކަމެއް ހުރި ނަމަ އެ ކަމެއް ހައްލުކުރުމަށް 24 ގަޑިއިރު އެ މީހުންގެ ޑިވެލޮޕަރުން މަސައްކަތްކުރާ ކަމަށެވެ. އަދި ޒޫމް މެދުވެރިކޮށް ކުރެވޭ އެއްވެސް މުއާމަލާތެއް ހެކަރުން އަތުނުޖެހޭނެކަން ކަށަވަރުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.