ގޮންޖެހުންތަކުން އަރައިގަންނަން ޓޫރިޒަމް އިންޑަސްޓްރީން އޮންލައިން ކޮންފަރެންސެއް ބާއްވަނީ
ގޮންޖެހުންތަކުން އަރައިގަންނަން ޓޫރިޒަމް އިންޑަސްޓްރީން އޮންލައިން ކޮންފަރެންސެއް ބާއްވަނީ

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ އަށް ދިމާވެފައިވާ ދަތިތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އޮންލައިން ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީން އިސްނަގައިގެން ކުރިއަށްގެންދާ މި ފޯރަމް ކުރިއަށް އޮތް ދުވަސްތަކުގައި ވަކިވަކި ގްރޫޕުތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ އެވެ. އޮންލައިންކޮށް މި ކޮންފަރެންސް ބާއްވަން ނިންމީ މި ދަނޑިވަޅު ގިނަ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމުގެ ގޮތުންނެވެ.

މި ކޮންފަރެންސްގައި ޓޫރިޒަމް އިންޑަސްޓްރީ އަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެކަމުން އަރައގަންނަން ކުރެވޭނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި މިކަންތަކާ ގުޅޭގޮތުން ތަޖުރިބާކާރުންގެ ހިޔާލުތައް ވެސް ހުށަހަޅާނެ އެވެ.

ރާއްޖެއިން މިހާތަނަށް 19 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ އެންމެ ބޮޑު އަސަރެއް ކުރާނީ ޓޫރިޒަމް އިންޑަސްޓްރީއަށެވެ. އެގޮތުން މި އަހަރު ރާއްޖޭގެ ޓޫރިޒަމް ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އަސަރު ކުރާނެ އެވެ.

އެކި ގައުމުތަކުން މީހުން އައުން މިހާރު މަނާ ކޮށްފައިވާއިރު ގިނަ ރިސޯޓުތައް ވަނީ ބަންދު ކުރަން ވެސް ނިންމައިފަ އެވެ. މި ދަނޑިވަޅު ރިސޯޓުތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ލޯނުތައް ދޫކުރުމަށް ވެސް ނިންމައިފަ އެވެ. މި މުއްދަތުގައި އިންޓްރެސްޓް ވެސް އަދި ޕްރިންސިޕަލް ވެސް ދައްކަން ނުޖެހޭނެ އެވެ.