ސްޕެނިޝް ލީގު މޭ ފަހުކޮޅު ފެށިދާނެ
ސްޕެނިޝް ލީގު މޭ ފަހުކޮޅު ފެށިދާނެ

މެޑްރިޑް (އޭޕްރިލް 8) – ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު އަންނަ މަހުގެ ފަހުކޮޅު ފެށިދާނެ ކަމަށް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ޓެބާސް ވިދާޅުވީ ޔުއެފާއާ އެކު މަސައްކަތްކޮށް ލީގު އަލުން ފަށަން ބަލަމުން އަންނަ ތާރީހުތަކަކީ މޭ 28،29 އާއި ޖޫން 6،7 އަދި ޖޫން 28-29 ކަމަށެވެ. އެއަށް ބަލާއިރު އެންމެ އަވަހަށް ފެށުނަސް ފެށޭނީ މޭ ފަހުކޮޅެވެ. ޓެބާސް ވިދާޅުވީ ބަލަމުން އަންނަނީ ހަމައެކަނި ސްޕެއިނަށް ވާގޮތެއް ނޫން ކަމަށާއި މަސައްކަތްކުރަނީ ޔޫރަޕުގެ ހުރިހާ ލީގެއް ވެސް އެއްކޮށް ނިންމުމަށްޓަކައި އެއްކޮށް ފަށަން ކަމަށެވެ.

ސްޕެއިނުގައި ވަނީ މިމަހުގެ 26 ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ޓެބާސް ވިދާޅުވީ އޭގެ ކުރިން އެއްވެސް ޓީމަކަށް ތަމްރީންތައް ނުބޭއްވޭނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި ނަމަ މޭ ފަހުކޮޅު ފަށަން އޮތް ތާރީހުގައި ފެށޭނެ ކަމަށް ނުބެލެވެ އެވެ.

ޓެބާސް ވިދާޅުވީ ސީޒަން ފުރިހަމަނުކުރެވިއްޖެ ނަމަ ސްޕެއިނުގެ ކްލަބްތަކަށް އެއް ބިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ލީގު ކެންސަލްކުރުމަކީ އޮޕްޝަނެއް ނޫން ކަމަށެވެ. ޔުއެފާ އިން ވެސް ބާރު އަޅަނީ ފުރިހަމަކުރާށެވެ. އެކަމަށް މަގުފަހިކުރަން، ޖޫން/ޖުލައި ގައި އޮންނަ ޔޫރޯ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ސްޕެއިނުގެ 141،942 މީހުންނަށް ޖެހި 14،045 މީހަކު ވަނީ މަރުވެފަ އެވެ.