ލަކްސް ރިސޯޓް ބޮޑު މަރާމަތަކަށް ފަހު ހުޅުވައިފި
ލަކްސް ރިސޯޓް ބޮޑު މަރާމަތަކަށް ފަހު ހުޅުވައިފި

މޮރިޝަސްގެ ލަކްސް ކުންފުނިން ރާއްޖޭގައި ހިންގާ ލަކްސް މޯލްޑިވްސް ރިސޯޓް ބޮޑު މަރާމާތަކަށް ފަހު ހުޅުވައިފި އެވެ.

އދ. އަތޮޅުގައި އޮންނަ ރިސޯޓް މި އަހަރުގެ ކުރީކޮޅު މަރާމާތަށް ބަންދުކުރުމަށް ފަހު ހުޅުވީ، ލަކްސް ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިދިޔަ ހަފުތާގަ އެވެ.

ލަކްސް ރިސޯޓް އަލުން ހުޅުވީ 193 ޕެވިލިއަން އަދި ވިލާއާ އެކުގަ އެވެ. އެގޮތުން، ރަށުގެ އިރުމަތީ ފަރާތުގައި ޕޫލާ އެކު ހަދާފައިވާ 49 ވިލާގެ އިތުރުން، ހުޅަނގު ފަރާތުގައި ހަދާފައިވާ 38 މޫދު ކޮޓަރި އާއި ދެ ކޮޓަރީގެ ލަކްސް ވިލާ އަދި 105 ބީޗް ވިލާ ހިމެނެ އެވެ. މި ކޮޓަރިތަކުގައި ހަތް މީޓަރު ނުވަތަ 14 މީޓަރު ދިގު ޕޫލް ހިމެނޭއިރު، ލޯބިވެރިންނަށް ހާއްސަ ޓެރަސްއެއް ވެސް ބައެއް ކޮޓަރިތަކުގައިވެ އެވެ.

މީގެ އިތުރުން، އަށް ރެސްޓޯރަންޓާއި ފަސް ބާ ވެސް އެ ރިސޯޓުގައި މިހާރު އެބަހުއްޓެވެ.

ލަކްސް ރިސޯޓުގައި ޔޯގާ އާއި މެޑިޓޭޝަން ކްލާސްތަކުގެ އިތުރަށް، ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން ވޯކްޝޮޕްތައް ހިންގަން ވެސް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ތެރޭގައި ކުރެހުމާއި ކެއްކުމުގެ ހުނަރުތައް އަދި ފޮޓޯ ނެގުމާ ގުޅޭ ވޯކްޝޮޕްތައް ހިމެނެ އެވެ.

"ރިސޯޓަށް ބޮޑު ބަދަލެއް ގެނައުމުގެ އިތުރުން، އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ގެސްޓުންނަށް ރިސޯޓުގައި ކުރެވޭ ތަޖުރިބާ އެހެން ހަރުފަތަކަށް ގެންދިއުން،" ލަކްސްގެ ސީއީއޯ ޕޯލް ޖޯންސް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

ލަކްސް ރިސޯޓް ބޮޑު މަރާމާތަކަށް ފަހު ހުޅުވިއިރު، އެ ކުންފުނިން އަންނަނީ މާލެ އަތޮޅުގައި އާ ރިސޯޓެއް ތަރައްގީކުރަމުންނެވެ. އެ ރިސޯޓް އަންނަ އަހަރު ހުޅުވަން ވަނީ ނިންމާފަ އެވެ.