08 އެޕްރީލް 2020 - 14:17

ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)ގެ މުވައްޒަފުންގެ މުސާރައިން 50 ޕަސެންޓް އުނިކޮށް ކޮންޓްރެކްޓްގެ މުއްދަތު ހަތަރު މަހަށް ކުޑަކޮށްފި އެވެ.

ޓީއެމްއޭ އިން އެ ކުންފުނީގެ މުވައްޒަފުންނާ އެކު ސޮއިކުރި އާ ކޮންޓްރެކްޓުތަކުގައި ބުނެފައިވާ ގޮތުގައި ހާލަތު ރަނގަޅުވުމުން، ކުންފުނީގެ މުސާރަތައް އަލުން ބޮޑުކުރާނެ އެވެ. ނަމަވެސް މިހާރު ކޮންޓްރެކްޓަށް ގެނައި ބަދަލާ އެކު ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާލަތު ބަދަލު ނުވެއްޖެ ނަމަ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ އެވެ.
ޓީއެމްއޭގައި 900 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އައި ހުއްޓުމާ އެކު، ސީޕްލޭން ދަތުރުތައް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ގިނަ ސީޕްލޭންތައް މިހާރު ހުރީ އެއްގަމުގައި ޕާކްކޮށްފަ އެވެ. މިއީ މިހާތަނަށް މިހާ ގިނަ ސީޕްލޭން އެއްގަމަށް އެހެލައިގެން އެއްފަހަރާ ޕާކުކޮށްފައި ބާއްވަން ޖެހުނު ފަހަރު ވެސް މެ އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި ފާއިތުވި އަހަރު ޓީއެމްއޭ އަށް 45 މިލިއަން ޑޮލަރު (694 މިލިއަން ރުފިޔާ)ގެ އަމްދަނީއެއް ލިބުނެވެ. އެ ކުންފުނިން މިދިޔަ އަހަރު 450,000 ފަސިންޖަރުން އުފުލި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ ހުރިހާ އެއާލައިންތަކަކަށް ވެސް މި އަހަރު ބޮޑު ގެއްލުމެއް ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އެގޮތުން ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މި ވަގުތަށް ވެސް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ. އެ އެސޯސިއޭޝަންގެ މެމްބަރުންގެ ގޮތުގައި ހިމެނޭ 290 އެއާލައިންއަށް ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލޭނެ އެވެ.