08 އެޕްރީލް 2020 - 11:32

ކޮވިޑް-19 އާ ހެދި މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމާއި އެކަމާ ގުޅިގެން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޚިޔާލު ފާޅުކުރުމަށް ފަހު، އެއިން އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް މަޖިލީހުގެ މިއަދުގެ ޖަލްސާ ކުއްލިއަކަށް ނިންމާލައިފި އެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ މެދު އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުރި ބަހުސްގައި 57 މެމްބަރުން ވާހަކަ ދެއްކެވި އިރު އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވީ ވަރަށް މަދު މެމްބަރުން ކަމަށެވެ. އެއަށް ފަހު އެކަމާ ގުޅޭ ގޮތުންނާއި، މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްްފަައިވާ ބިލާ މެދު ހިޔާލު ފާޅުކުރެއްވި އެވެ. އެގޮތުން ވާހަކަ ދެއްކެވީ ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ބިލާ ބެހޭ ގޮތުންނެވެ. ނަޝީދު ވިދާޅުވީ ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބިލު ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފަކީ ވެސް ގާނޫނީ ފަންނުގެ ބޭފުޅެއް ކަމަށާއި ގާނޫނުއަސާސީ ޑްރާފްޓް ކުރުމާއި ގާނޫނުއަސާސީއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައިރު، އެ ކަންތައްތަކުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ކަަމަށެވެ.
"ދެން އަޅުގަނޑު ހިތަށް އަަރާ އެއްޗަކީ ކޮން ވަޑިއެއް ކައިރިއަށް ތޯއޭ އަަޅުގަނޑު ދާންވީ؟ [ވަޅީގައި] ތުނޑު ހުރި އެއްވެސް ވަޑިއެއް އެބަހުރި ބާއޭ؟ އިއްޒަތްތެރި މެމްބަރުންގެ ވަޅީގައި ތުނޑު ހުންނާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ކުރިއަށް ގެންދަވަން އެމަނިކުފާނު އެދިވަަޑައިގަންނަވާ އެއްވެސް ކަމެއް އެޖެންޑާގައި ނެތް ކަމަށެވެ.
"މިއަދުގެ ވޯޓަށް އަަހާނެ މައްްސަލައެއް ވެސް ނެތް. އިތުރަށް އަޅުގަނޑު ހިންގަން އޮތް މައްސަލައެއް ވެސް އެޖެންޑާއަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެހެން ވިދާޅުވުމަށް ފަހު ހިނދުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ވިދާޅުވީ ޖަލްސާ ނިމުނީ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އިސްލާހުކުރުމާ މެދު އެމަނިކުފާނު ހުންނެވީ ވަކި ގޮތެއް ނިންމަވައިގެންނެއް ނޫނެވެ. އެގޮތުން އިންތިހާބު ލަސްކުރުމަށް ޓަކައި ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން މެމްބަރުން އެދިވަޑައިގަންނަވާ ނަަމަ އެކަން އެގޮތަށް ކުރެއްވިދާނެ ކަމަށާއި ގާނޫނީ އެހެން ފަރުވާއެއް ހޯއްދަވަން އެދިވަޑައިގަންނަވާ ނަމަ އެކަން ވެސް އެގޮތަށް ކުރެއްވިދާނެ ކަމަށް މަނިކުފާނު ވިދާޅުވި އެވެ.
"ދެން މީގެ އިތުރުން ދަންނަވަން އޮތް ވާހަކަ އަކީ އަދި ވަގުތު އެބަ އޮތޭ. ޖޫން މަހު ކައުންސިލްގެ މުއްދަތު ހަމަވަނީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ލަސްކުރުމުގެ މުއްދަތު ހަމަވާ ކަމަށާއި ސަރުކާރުުގެ ފަރާތުން ތުޅާދޫ ދާއިިރާގެ މެމްބަރު ހިސާން ހުސަައިން ހުށަހެޅުއްވި ބިލަކީ އެކަމަށް ހައްލު ހޯދުމުގެ ބިލު ކަމަށެވެ. އެހެންވެ އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ އިންތިހާބުގެ މުއްދަތަށް އަޅުގަނޑުމެންނަށް ޖާގަ ލިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މެމްބަރުން އެެދިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވިޔަސް، ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހޭތީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޑްރާފްޓް ކުރައްވައި، ސަރުކާރުގެ ފަރާތުން ހުށަހެޅި ސަންސެޓް ބިލުގެ މަސައްކަތް އެމަނިކުފާނު ކުރިއަކަށް ނުގެންދަވަ އެވެ. އެ ބިލް އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ޖަލްސާގެ އެެޖެންޑާގައި ހިމެނުއްވި ނަމަވެސް އެ ބިލުގެ ފުރަތަަމަ ކިއުން ކުރިއަކަށް ނުގެންދެ އެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލް މިއަދުގެ އެޖެންޑާގައި ނުވެސް ހިމަނަ އެވެ.
އޭގެ ބަދަލުގައި އެޖެންޑާގައި ހިމެނުއްވީ ދާދި އެއް ގޮތަަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލެކެވެ. އެހެން ނަމަވެސް ހަސަން ހުށަހެޅުއްވި ބިލުގެ މަސަައްކަތް ވެސް މިއަދު ކުރިއަކަށް ނުގެންދަވަ އެވެ.
ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސް ކުރިއަށް ގެންދެވުމުގެ ބަދަލުގައި ނަޝީދު މިދިޔަ ދެ ދުވަހު ކުރިއަށް ގެންދެވީ ރާއްޖޭގައި މިހާރު މި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވިދާނެތޯ ނުވަތަ ނޫންތޯ، އެމަނިކުފާނު އުފެއްދެވި ސުވާލުގެ ބަހުސެވެ.
އެ ބަހުސް އިއްޔެ ނިންމަވައިލެއްވުމަށް ފަހު ނަޝީދު ވިދާޅުވީ އެއީ ޚިޔާލު ހޯއްދެވުމުގެ ބަހުސެއް ކަމަށެވެ. އެހެން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތު ނެތް ކަމުގެ މައްޗަށް އެ ބަހުސްގެ އެކި ހިސާބުގައި އެމަނިކުފާނު ތަކުރާރުކޮށް ވާހަކަ ދެއްކެވި އެވެ.
އެކަމަކު މިއަދު ވިދާޅުވީ އެކަމުގައި އެމަނިކުފާނު ދެކެވެޑައިގަންނަވާ ވަކި ގޮތެއްް ނެތް ކަަމަށާއި މެމްބަރުން އެދިވަޑައިގަންނަވާ ނަމަ ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަަމަށެވެ.