12 އޮކްޓޯބަރ 2016 - 12:09

ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން އުރީދޫން ނިންމައިފި އެވެ.
ގަތަރުގެ އުރީދޫ ގްރޫޕުން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސް ހިއްސާގެ ބާޒާރުގައި މާދަމާ ލިސްޓު ކުރަން ވަނީ ނިންމައިފަ އެވެ. މާދަމާ ރޭ ދަރުބާރުގޭގައި އެކަމަށްޓަކައި ހާއްސަ ހަފުލާއެއް ވެސް ބާއްވަން ނިންމައި އެ ރަސްމިއްޔާތުގެ ދައުވަތު މިހާރު ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް ހިއްސާގެ އަދަދާއި އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަށް ފަހު، ހިއްސާ ވިއްކަން އާއްމުކޮށް ހުޅުވައިލުމުގެ ކުރިން ކުންފުނީގެ މައުލޫމާތާއި ވިއްކާ ހިއްސާގެ މައުލޫމާތު ހިމެނޭ ޕްރޮސްޕެކްޓަސް އިއުލާން ކުރަންޖެހެ އެވެ. އުރީދޫން ބުނި ގޮތުގައި އެކަން ކުރާނީ އަދި ފަހުންނެވެ.
ހިއްސާގެ ބާޒާރާ ބެހޭ ގާނޫނުތައް ބުނާ ގޮތުން ޕްރޮސްޕެކްޓަސް އިއުލާން ކުރުމަށް ފަހު ހިއްސާ ވިއްކަން ފެށުމުގެ ކުރިން މަދުވެގެން 15 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އެހެންވެ، އުރީދޫން މި މަހުގެ ތެރޭގައި ޕްރޮސްޕެކްޓަސް އިއުލާން ކުރިޔަސް، އަމަލީ ގޮތުން ހިއްސާ ވިއްކަން ފެށޭނީ އަންނަ މަހު އެވެ.
ކުވޭތުގެ ކިއުޓެލްގެ ބްރޭންޑެއް ކަމަށްވާ ވަތަނިއްޔާ އިން ފެބްރުއަރީ 2005 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް ދިރާގުން އެކަނި ދެމުން ގެންދިޔަ މުވާސަލާތީ ހިދުމަތް ފުޅާކޮށް، އެއީ ވާދަވެރި ދާއިރާއަކަށް ހެދުމަށެވެ. ގަތަރު ސަރުކާރުގެ ބޮޑު ހިއްސާއެއް ވެސް އޮންނަ އުރީދޫން ކިއުޓެލް ގަތުމާ އެކު، ވަތަނިއްޔާ ބްރޭންޑުގެ ދަށުން އެކި ގައުމުތަކުގައި ހިންގަމުން ގެންދިޔަ ކުންފުނިތައް ރީބްރޭންޑް ކުރުމުގެ ތެރެއިން، ރާއްޖޭގެ ކުންފުނި ވެސް އުރީދޫގެ ނަމަށް ޑިސެމްބަރު 2013 ގައި ބަދަލުކުރި އެވެ.
ރާއްޖޭގެ މޮބައިލް ފޯނު ހިދުމަތުގެ 30 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރާ އުރީދޫން ހިއްސާ ވިއްކަން ނިންމިއިރު، ވާދަވެރި ދިރާގަކީ މިހާރު ވެސް ޕަބްލިކް ކުންފުންޏެެކެވެ. އޮކްޓޯބަރު 2011 ގައި ދިރާގުން ހިއްސާ ވިއްކަން ހުޅުވާލައި ފުރަތަމަ ބުރުގައި 80 ރުފިޔާގެ މަގުން 11،400،000 ހިއްސާ ވިއްކާފައިވެ އެވެ.
މުޅި އުރީދޫ ގްރޫޕުގައި ވެސް ހިމެނޭ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން މޮބައިލް ފޯނާއި އެއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން، އިންޓަނެޓުގެ ހިދުމަތް ވެސް ވަނީ ދޭން ފަށައިފަ އެވެ.