ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް ފީފާ އިން ހައްލުކޮށްދީފި
ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް ފީފާ އިން ހައްލުކޮށްދީފި

ޒިއުރިކް (އޭޕްރީލް 8) - ކޮރޯނާވައިރަހުގެ ސަބަބުން މި ފަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިދާއިރު ކުޅުންތެރިންގެ ކޮންޓްރެކްޓާ މެދު އަމަލުކުރާނެ ގޮތަކާ މެދު އުފެދިފައިވާ މައްސަލަތައް ފީފާ އިން ހައްލުކޮށްދީފި އެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ ކޮންޓްރެކްޓްތައް ހަދާފައިވަނީ ފުޓްބޯޅަ ކަލަންޑަރަށް ބަލައިގެންނެވެ. އެ ގޮތުން ކޮންމެ އަހަރެއްގެ މެއި މަހު ފުޓްބޯޅަ ސީޒަން ނިމޭގޮތަށް އޮންނައިރު، ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަދާފައިވަނީ ވެސް މެއި މަހުގެ ނިޔަލަށެވެ. އެ ގޮތުން ބަލާއިރު މި ފަހަރުގެ ސީޒަން ދިގުލައިދާނެކަން ޔަގީންވެފައިވާއިރު، މެއި މަސް ނިމުމުން ކުޅުންތެރިންގެ ކޮންޓްރެކްޓާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން އޮތީ އުނދަގޫވެފަ އެވެ.

ކޮންޓްރެކްޓްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ކްލަބްތަކާއި ފުޓްބޯޅަ އެސޯސިއޭޝަންތަކުން އެދުނީ ފީފާގެ ހައްލަކަށެވެ. ފީފާ އިން މި ކަމުގައި ނިންމީ މި ސީޒަން ނިމެންދެން ކޮންމެ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ވެސް ދެމި އޮންނަ ގޮތަށެވެ. އެހެން ކަމުން މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ކޮންމެ ކުޅުންތެރިޔަކު ވެސް މިހާރު އޮތް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަންވާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބައެއް ކުޅުންތެރިން ވެސް ވަނީ ކްލަބްތަކާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެ ގޮތުން މެއި މަހުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ނަމަވެސް ސީޒަނާ މެދު ގޮތެއް ނިމެންދެން ޓީމުގައި މަޑުކުރަން ނިންމި ދެ ކުޅުންތެރިންނަކީ ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އާއި ޗެލްސީގެ ވިންގް ވިލިއަން އެވެ.

ބައެއް ކުޅުންތެރިން ވަނީ ޖުލައި މަހު އެއް ވަނަ ދުވަހު ޓީމުތަކަށް ބަދަލުވާން ޕްރީ އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ. އެ ކުޅުންތެރިންގެ އެއްބަސްވުމުގައި ސޮއިކުރާގޮތަށް ހަމަޖެހިފައި އޮތީ ޖުލައި މަހުން އެއް ވަނަ ދުވަހު އެވެ. އެކަމަކު ފީފާ އިން ގެނައި ބަދަލާ އެކު އެ ކުޅުންތެރިންނަށް ވެސް ކޮންޓްރެކްޓްގައި ރަސްމީކޮށް ސޮއިކުރެވޭނީ ސީޒަން ނިމުމުންނެވެ. މިސާލަކަށް ޗެލްސީ އަށް ޖުލައި މަހު ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ އަޔަކްސްގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް އަށް ޗެލްސީ އަށް ސޮއިކުރެވޭނީ ނެދަލެންޑްސްގެ ފުޓްބޯޅަ ސީޒަނާއި އިންގްލެންޑްގެ ފުޓްބޯޅަ ސީޒަން ނިމުމުންނެވެ.

ފީފާ އިން ވަނީ ޓްރާންސްފާ މާކެޓްގެ މުއްދަތު ވެސް އަންނަ ސީޒަން ފެށުމާ ހަމައަށް އިތުރުކޮށްފަ އެވެ.

ފުޓްބޯޅަ ކްލަބްތަކުން އެ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންދާ މައްސަލައިގައި ފީފާ އިން ބުނީ މީގެ އެންމެ ރަނގަޅު ގޮތަކީ ހުރިހާ ފަރާތަކަށް އެއްބަސްވެވޭ އެންމެ ރަނގަޅު ގޮތަކަށް ކުރިއަށް ދިއުން ކަމަށާއި އެއްވެސް ކަމެއްގައި ނުފޫޒު ފޯރުވުން ރަނގަޅުނުވާނެ ކަމަށެވެ.