ފިހާރަތަކުގައި ޚިދުމަތް ދޭ މީހުން އަންގި ލައްވަން އިލްތިމާސްކޮށްފި
ފިހާރަތަކުގައި ޚިދުމަތް ދޭ މީހުން އަންގި ލައްވަން އިލްތިމާސްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ފިހާރަތަކުގެ ސޭޓުން ޚިދުމަތް ދޭ އިރު އަންގި ލައްވަން އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހިމް ފައިސަލް ރޭ އިލްތިމާސްކުރައްވައިފި އެވެ.

ދުނިޔޭގައި ފެތުރި، ރާއްޖޭގައި ވެސް ބަޔަކު ޕޮޒިޓިވްވެފައިވާ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތަފްސީލް ދޭން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އަފްޒަލް ވިދާޅުވީ ގައިޑްލައިންތައް ހަދާފައި ހުންނަނީ އެ ބަޔަކު ކުރާ މަސައްކަތްތަކުގެ ސަބަބުން ބަލީގެ ނުރައްކަލަކަށް ހުށަހެޅުން ކުޑަކުރެވޭނެ ގޮތަށް ކަމަށެވެ. އެ ގައިޑްލައިންތަކުގައި މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވިޔަފާރިތަކުން އިސްކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި އެންމެ ގިނަ ބަޔަކު އެއްތަންވާ ފިހާރަތަކުގައި މިހާރަށް ވުރެ ވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހެ އެވެ. ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުކަން ދިނުމާ އެކު ފިހާރަތަކުގެ ސޭޓުން ހިމެނޭ ގޮތަށް ހުރިހާ މުވައްޒަފުން ވެސް އަންގިލުމަކީ ރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ ކޭޝިއަރަށް ވަކިން އިނދެވޭނެ ގޮތަށް ޕާޓިޝަނެއް ޖެހުން ފަދަ ކަންތައް ވެސް ކުރެވިދާނެ ކަމަށެވެ.

"ރައްކާތެރި ކަމުގެ ފިޔަވަޅުތަށް އިތުރަށް ހަރުދަނާކޮށްގެން އަމަލު ނުކޮށްފި ނަމަ ނުރައްކާ އިތުރަށް ބޮޑުވެގެން ދާނެ،" އަފްޒަލް ވިދާޅުވި އެވެ.

ޑރ. އިބްރާހިމް އަފްޒަލް ރޭ ވެސް ވިދާޅުވި ގޮތުގައި ތިން ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމީ ރައްޔިތުންގެ ރައްކާތެރިކަމަށް ކޮންމެހެން އެ ފިޔަވަޅު އަޅަން މަޖުބޫރުވެގެންނެވެ. އެކަމަކު އެ ތިން ގަޑިއިރު ފެށުމުގެ ކުރިން ނުވަތަ އަދި ހަމަވުމާ އެކު އެންމެން އެކުގައި ނުކުމެ ފިހާރަތަކާއި ޚިދުމަތް ދޭ އެހެން ތަންތަނުގައި ތޮއްޖެހުމުން ހަގީގީ މަގްސަދު ހާސިލްނުވާނެ ކަމަށް ވިދާޅުވި އެވެ. ކާފިއުގެ ވަގުތު އެނގޭ އިރު، އެ ވަގުތުކޮޅާ ކައިރިކޮށްފައި ތަންތަނަށް ޖަމާ ނުވެ، ދުވަސް ބަހާލައިގެން ކަންކަން ހަމަޖައްސަން އެދިވަޑައިގެންނެވި އެވެ.

ތަކުރާރުކޮށް އަފްޒަލް ނަސޭހަތް ދެއްވީ، ފަރުދީ ޒިންމާ އިސްކުރައްވައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ އާދަ އަށަގެންނެވުމަށެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.