އެންމެ ގޯސް ހާލަތުގައި އިގްތިސާދު 17 ޕަސެންޓް މައިނަސްވާނެ: ހާޝިމް
އެންމެ ގޯސް ހާލަތުގައި އިގްތިސާދު 17 ޕަސެންޓް މައިނަސްވާނެ: ހާޝިމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ އެންމެ ގޯސް ހާލަތަކީ އިގްތިސާދު މައިނަސް 17 ޕަސެންޓަށް ދިއުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ގަވަރުނަރު "މިހާރު" އަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ހާލަތްތައް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މި ހާލަތްތައް ނުވަތަ ސިނާރިއޯތައް ފިނޭންސް މިނިސްޓްރީގެ އިތުރުން މާލިއްޔަތު ކޮމިޓީއާ ވެސް އެމްއެމްއޭ އިން ވަނީ ވަނީ ހިއްސާކޮށްފަ އެވެ.

"އެންމެ ގޯސް ހާލަތު" ކަމަށް ބަލަނީ މި އަހަރުގެ އެންމެ ފަހު ކުއާޓަރާ ހަމަ އަށް މުޅި ގައުމު ލޮކްޑައުންއެއްގައި އޮވެ، އެއްވެސް ވަރަކަށް ޓޫރިސްޓުން ނައުމުގެ ހާލަތެވެ. ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ސީދާކޮށް 30 ޕަސެންޓް އަދި ނުސީދާކޮށް 60 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާ ކަމަށްވާ އިރު ހާލަތު ރަނގަޅު ކުރުމަށް ވެސް އެންމެ ފުރަތަމަ ހައްލެއް ހޯދަން ޖެހޭނީ އެ ދާއިރާއަށް ކަމަށެވެ.

"މި ބަލީގެ [ކޮވިޑް-19] ވެކްސިނެއް އަންނާނެ ކަމަށް މި ބެލެވެނީ އެންމެ އަވަސްވެގެން ވެސް 2021 ގައި. މިހާރު ހުރި މައުލޫމާތަށް ބަލާއިރު މިބަލިމަޑުކަމުގެ ދަނޑިވަޅުގައި ބަލިން ރައްކާތެރިވާނެ ފިޔަވަޅުތަކާ އެކު ދިރިއުޅުން ކުރިއަށް ގެންދިއުން އެންމެ މުހިއްމީ،" އަލީ ހާޝިމް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ދާއިރާއަކަށް ބޮޑެތި ބަދަލުތަކެއް ގެނައުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މި ހާލަތުން އަރައިގަތުމަށް ބޭރުގެ މާލީ އެހީއަށް ގައުމު ވަރަށް ބޮޑަށް ބަރޯސާވެނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރާނެތީ، ރާއްޖޭގެ އިގްތިސާދަށް ވެސް އެކަން ތަޖުރިބާކުރަންޖެހޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެންމެ ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އެރީ 2009 ވަނަ އަހަރު ކުރިމަތިވި "ގްލޯބަލް ފައިނޭންޝަލް ކްރައިސިސް" ގަ އެވެ. އެފަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓް މައިނަސްވި އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އެންމެ ފަހުން ލަފާކޮށްފައިވަނީ ކޮރޯނާވައިރަހާ ހެދި ކުރިމަތިވާ ދަތިކަމުގައި ރާއްޖޭގެ އިގްތިސާދު މައިނަސް ތިން ޕަސެންޓަށް ވެއްޓޭނެ ކަމަށެވެ. ނަމަވެސް އަންނަ އަހަރު އިގްތިސާދު ރަނގަޅުވެ 7.5 ޕަސެންޓުގައި ކުރިއެރުން ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މި އަހަރު ރާއްޖޭގެ އިންފްލޭޝަން 1.0 ޕަސެންޓުގައި ހުރުމަށް ފަހު އަންނަ އަހަރު 1.2 ޕަސެންޓަށް އުފުލޭނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވާން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަރަށް ގިނަ ކަންކަން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. މި ވައިރަސް ހުންނަ މީހުން ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު ކުޑަކުރުމަށް ރާއްޖޭން އޮންއެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައި ވާތީ އާއި އެހެން ގައުމުތަކުން ވެސް މި ދުވަސްވަރު ދަތުރުތައް މަދުކޮށްފައި ވާތީ ޓޫރިސްޓުން އައުން ވަނީ ހުއްޓިފަ އެވެ. އެހެންވެ، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމަށް ވަނީ މިއިން ދުވަހަކު ވެސް ނާންނަ ވަރުގެ ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.