ކޮވިޑް-19: އެމެރިކާގައި އެއް ދުވަހުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ
ކޮވިޑް-19: އެމެރިކާގައި އެއް ދުވަހުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ

ވޮޝިންޓަން (އެޕްރީލް 8) - އެމެރިކާގައި އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އިއްޔެ އެކަނި އެމެރިކާ އިން ވަނީ 1،736 މީހުން މަރުވެފަ އެވެ. އެމެރިކާގައި މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވީ އެޕްރީލް 4 ވަނަ ދުވަހު އެވެ. އެ ދުވަހު މަރުވެފައި ވަނީ 1،344 މީހުންނެވެ. އެއް ދުވަސްތެރޭ ގިނަ އަދަދެއްގެ މީހުން އެމެރިކާގައި މަރުވެފައި މިވަނީ މިއީ އެމެރިކާ އަށް ހިތާމަވެރި ހަފުތާއަކަށް ވާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން އިންޒާރުދީފައި ވަނިކޮށެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާ އިން މިހާތަނަށް ވަނީ 12،857 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 400،540 މީހުން ޕޮޒިޓިވްވެފަ އެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 21،711 އެވެ. އިއްޔެ އެކަނިވެސް ވަނީ 33،331 މީހުން ޕޮޒިޓިވްވެފަ އެވެ.

އެމެރިކާގައި އެންމެ ހާލަތު ގޯހީ ނިއު ޔޯކުގަ އެވެ. އެ ސްޓޭޓުން 142،384 މީހުން ޕޮޒިޓިވްވިއިރު 5،489 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ނިއު ޔޯކުން ވަނީ 731 މީހުން މަރުވެފަ އެވެ. ނިއު ޖާޒީން 44،416 މީހުން ޕޮޒިޓިވްވެ 1،232 މީހުން ވަނީ މަރުވެފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމު ކަމަށްވާ ސްޕޭނަށް ވުރެ ނިއު ޔޯކުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ. ސްޕޭނުން މިހާތަނަށް ޕޮޒިޓިވްވީ 141،942 މީހުންނެވެ.

އެމެރިކާގައި ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އަދި ގިނަ ބަޔަކު މަރުވަމުންދާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ ރޯގާގެ "ކާވް" ގެ އެންމެ މައްޗަށް އެމެރިކާ މިހާރު އަރަނީ ކަމަށެވެ.

ނިއު ޔޯކުގެ މޭޔަރު އެންޑްރޫ ކޫމޯ ވިދާޅުވީ ލަފާކުރެވޭ ގޮތުން އެ ސްޓޭޓް މިހާރު ޕީކަށް އަރަނީ ކަމަށެވެ. ހޮސްޕިޓަލްގައި އަދި އައިސީޔޫގައި އެޑްމިޓްކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔޭން މިހާތަނަށް ވަނީ 1.42 މިލިއަން މީހުން ޕޮޒިޓިވްވެ 82،101 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 302،247 މީހުންނެވެ.