08 އެޕްރީލް 2020 - 11:46

އުރީދޫން މީގެ 10 އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސް ރޭސް މި އަހަރު ނުބާއްވަން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އުރީދޫން ބާއްވާ މި މުބާރާތް މިއަހަރު ނުބާއްވަން ނިންމީ މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް އިން ރައްކާތެރިވާން، އާންމު އެއްވެ އުޅުން މަދުކުރުން މުހިންމުވާތީ ރައްކަތެރިކަމުގެ ގޮތުންނެވެ.
އުރީދޫން ބުނީ މި ވަގުތު އެންމެ އިސްވާނީ ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަމަށެވެ. އެހެންވެ މަސް ރޭސް ނުބާއްވަން ނިންމުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް ބުންޏެވެ.
މިއަހަރުގެ މަސް ރޭސް ނުބޭއްވުނު ނަމަވެސް އަންނަ އަހަރު، ކުރީި އަހަރުތަކަށްވުރެ ކުލަގަދަކޮށް މަސް ރޭސް ބާއްވަން އުރީދޫން ވަނީ ނިންމައިފަ އެވެ.
އުރީދޫ މަސް ރޭހަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި އާއްމު ގިނަ ބަޔަކު ކޮންމެ ރޯދަމަހަކު އިންތިޒާރު ކުރާ ފޯރިގަދަ އިވެންޓެކެވެ. މި މުބާރާތުގައި ވަނަތަކަށް ދާ ޓީމުތަކާއި މީހުންނަށް އުރީދޫން ބޮޑެތި އިނާމްތައް ވެސް ހުށަހަޅަ އެވެ. އެގޮތުން، މިދިޔަ އހަރުގެ ރޭހުގެ އެއް ވަނަ ޓީމަށް އެ ކުންފުނިން ވަނީ 50،000ރ. ގެ ފައިސާގެ އިނާމު ދީފަ އެވެ.