ކޮވިޑް-19: އިނގިރޭސި ބައެއް ކްލަބްތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް
ކޮވިޑް-19: އިނގިރޭސި ބައެއް ކްލަބްތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް

ލަންޑަން (އޭޕްރީލް 8) - ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ފުޓްބޯޅަ ސީޒަން ފުރިހަމަ ނުކޮށް މުބާރާތްތައް ކެންސަލްކުރަން ޖެހިއްޖެނަމަ ބައެއް ކްލަބްތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން އިނގިރޭސި ކްލަބްތަކުން އަންނަނީ އިނގިރޭސި ސަރުކާރުގެ ސްކީމްގެ ތެރެއިން ކްލަބްގެ މުވައްޒަފުންގެ މުސާރަތަކެއް ހަމަޖައްސަން މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބްތައް ވެސް ހިމެނެ އެވެ. ސަރުކާރުގެ ބާރުއެޅުމާ އެކު، ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިގެ 30 އިންސައްތަ ކުޑަކުރަން ވަނީ އަންގައިފަ އެވެ.

ޕްރިމިއާ ލީގުގެ ޗީފް ރިޗާޑް މާސްޓާސް ދާދި ފަހުން ވިދާޅުވީ ޕްރިމިއާ ލީގު ފުރިހަމަ ނުކުރެވިއްޖެނަމަ މަދުވެގެން އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި އަންނަ ސީޒަނަށް ވެސް މީގެން އަސަރުތަކެއް ކޮށްފިނަމަ ލިބޭނެ ގެއްލުން އިތުރަށް ބޮޑުވާނެ ކަމަށް ވިދާލުވި އެވެ.

މާސްޓާސްގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޑައިކް ވިދާޅުވީ ކަންބޮޑުވުމަކީ ކްލަބްތަކެއް ބަނގުރޫޓުވެ ނެތިދިއުމުގެ ބިރު އޮތުން ކަމަށެވެ.

"ސީޒަން ނުނިންމައިފިނަމަ ސަޕޯޓަރުންނާ އެތައް ގޮތަކުން ގުޅިފައި އޮތް ކްލަބްތަކެއް ބަނގުރޫޓްވުމުގެ ބިރު އެބައޮތް. މީގެ ނަތީޖާ އަކީ ފުޓްބޯޅަ މުބާރާތްތަށް ވެސް ނެތިދިއުން. އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރުވެ ތިބެންޖެހޭ ހާލަތުގައި މި ތިބީ،" ޑައިކް ވިދާޅުވި އެވެ. "ކްލަބްތައް ސަލާމަތްކުރަން ކުރެވެން ހުރި މަސައްކަތެއް ކުރާނަން،"

ސަރުކާރުގެ ނުފޫޒާ އެކު ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ޖެހިއްޖެނަމަ މީގެން ވަރަށް ނުރަނގަޅު ކަންތައްތަކެއް ހިނގާނެ ކަމަށް ޑައިކް ފާހަގަކުރެއްވި އެވެ. އަދި ކޮވިޑް-19 އަކީ އެންމެނަށް ވެސް ކުރިމަތިވެފައި އޮތް ކަމެއް ކަމަށާއި މީގެއިން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަން ޖެހޭނީ އެކުގައި ތިބެގެން ކަމަށް ވިދާޅުވި އެވެ.

"މީގައި ބަލަން ޖެހޭނީ އެންމެނަށް ވެސް ރަނގަޅު ހައްލަކަށް. އެކަމަކު މި ވަގުތު އޮތީ އެކަން ކުރެވޭ ގޮތަށް ނޫންކަން ވެސް ގަބޫލުކުރަން ޖެހޭ. ކުޅިވަރާއި އެހެން ކަންތައްތައް ވެސް އިންސާފުވެރިކުރެވޭނެ ގޮތެއް ބަލަންޖެހޭ،" ޑައިކް ވިދާޅުވި އެވެ.

ދާދި ފަހުން ޕްރިމިއާ ލީގުގެ ދެ ކްލަބެއް ކަމަށްވާ ބާންލީ އާއި ބޯންމައުތުން ވަނީ މި ސީޒަން ފުރިހަމަ ނުކޮށްފިނަމަ އެ ދެ ކްލަބަށް ލިބެން އޮތް އާމްދަނީގެ ބޮޑު ބައެއް ގެއްލޭނެ ކަމަށާއި އޭގެ ސަބަބުން ކްލަބްގެ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ޔުއެފާ އިން ވަނީ އެއްވެސް ގައުމެއްގެ ސީޒަން ކެންސަލްނުކުރަން އަންގައިފަ އެވެ. އެ ގޮތަށް އަމަލުކުރަން ގިނަ ގައުމުތަކަކުން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑް ވެސް ހިމެނެ އެވެ. ޑައިކް ވިދާޅުވީ އަމާޒަކީ ފުރުސަތު ލިބުނުހާ އަވަހަކަށް ފުޓްބޯޅަ މުބާރާތްތައް ފަށައި ލީގު ފުރިހަމަކުރުން ކަމަށެވެ.

"އަހަރެމެން މަސައްކަތް މި ކުރަނީ ސީޒަނުގެ ބާކީ ހުރި މެޗުތައް ފުރިހަމަކުރަން. މިއީ ވަރަށް މުހިއްމު ކަމެއް. އެއީ ސީޒަންގެ މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރެލިގޭޝަނާއި ޕްލޭއޮފް ކަންތައްތައް ވާނެ ގޮތެއް ނިންމަންޖެހޭ. އެއީ ވަރަށް ގިނަ މައްސަލަތަކެއްގެ ހައްލު،" ޑައިކް ވިދާޅުވި އެވެ.

އިނގިރޭސި ސަރުކާރާ އެކު ޕްރިމިއާ ލީގުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ޖޫން މަސް ތެރޭގައި ލީގު ފެށުމަށެވެ. އެކަމަކު އެކަން އެ ގޮތަށް ކުރެވެން އޮތީ ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުން ދޭ ލަފަޔަށް ބެލުމަށް ފަހު ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފަ އެވެ.