އިންތިހާބަށް ލަފާދޭ ކޮމެޓީއަށް މިހާތަނަށް ނަން ނުފޮނުވަނީ ޕީޕީއެމުން އެކަނި
އިންތިހާބަށް ލަފާދޭ ކޮމެޓީއަށް މިހާތަނަށް ނަން ނުފޮނުވަނީ ޕީޕީއެމުން އެކަނި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވައިލާ ގައުމީ ލަފާ ދޭ ކޮމެޓީގައި މިހާތަނަށް ބައިވެރިނުވަނީ ހަމައެކަނި ޕީޕީއެމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކޮންމެ އިންތިހާބަކާ ގުޅުވައިގެން ވެސް، އެ އިންތިހާބެއްގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ކޮމެޓީއެއް އެކުލަވައިލަން ޖެހެ އެވެ. އީސީގެ އިތުރުން މި ކޮމެޓީގައި ބައިވެރިވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ފަދަ ކަމާއި ގުޅޭ އިދާރާތަކުންނެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ކޮމެޓީއަށް ނަން ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެފައިވާއިރު، ޕީޕީއެމް ފިޔަވައި، ހުރިހާ ޕާޓީތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ.

"ޕީޕީއެމުން ނަން ހުށަނާޅާތީ އަޅުގަނޑުމެން މީގެ ކުރިން ވާނީ ސިޓީއެއް ވެސް ފޮނުވާފައި. އަދި މިއަދު ވެސް ސިޓީ ފޮނުވައިފިން." އަކުރަމް ވިދާޅުވި އެވެ. "އެކަމަކު އަދި ޖަވާބެއް ނުލިބޭ"

އީސީން ބުނީ ޕީޕީއެމާ ނުލައި ވެސް ކޮމެޓީ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު ކޮމިޝަނުން ބޭނުންވަނީ އިންތިހާބާ ގުޅުން ހުރި ހުރިހާ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ދާން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި އިންތިހާބާ ގުޅުން ހުރި މުހިއްމު ކަންތައްތައް ނިންމާނީ މި ކޮމެޓީގެ ލަފާގެ މަތިންނެވެ.

ޕީޕީއެމުން ބުނީ ލަފާދޭ ކޮމެޓީއަށް ކުރިން ނަން ނުފޮނުވުނީ އެ ޕާޓީގެ މެނޭޖްމެންޓަށް އައި ބަދަލުތަކާ ގުޅިގެން ކަމަށާއި އެކަމަކު ވަރަށް އަވަހަށް ނަން ފޮނުވާނެ ކަމަށެވެ.

"ނަން ހުށަހެޅުމަށް އެދި އީސީން ސިޓީ ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި. އެކަމަކު އެ ދުވަސްކޮޅު ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ބަދަލުވެ، މެނޭޖްމެންޓަށް އައި ބަދަލުތަކާ ގުޅިގެން އެކަން ނުވެފައިވަނީ. އެކަމަކު ވަރަށް އަވަހަށް ނަން ހުށަހަޅާނަން،" ޕީޕީއެމްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ ޖެނުއަރީ 14ގަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 26ގައި ހުޅުވާލާފައިވާއިރު ވޯޓުލާ މީހުންގެ ލިސްޓު ވެސް މިހާރު ވަނީ އާއްމުކޮށްފަ އެވެ.