ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅޭ

"ބަލަ ކަލޭ ބުނީމެއްނު ތީ އަންހެނެކޭ!" އަނިލް ދަނޑިވަޅުގެ ބޭނުންހިފިއެވެ.

"އާނ އެއީ ތެދެކޭ ދޯ!" ކުއްލިއަކަށް ހަނދާންވުމުން ބުނާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ. "ވަރަށް ބޮޑަށް މާފު! ޚަދީޖާ އިނގޭ މަށަށް ކިޔާނީ. އަންހެނެއް ވީމަ އަންހެން ނަމެއް ދޯ ކިޔަންޖެހޭނީ."

ޖިންނިސައިތާނުންގެ ފަރާތުން އޯގާތެރިކަމުގެ އިޝާރާތެއް ފެނިއްޖެ ނަމަ އޭގެ ފަހަތުގައި ކެހިވެރި ރޭވުމެއް ނެތިއެއް ނުދާނެއެވެ. އަނިލް އިނީ ފިސާރި ރަނގަޅަށް އެ ކަމަށް ސަމާލުވެގެންނެވެ. ހަނާގެ ސުވާލުތަކަށް ޖަވާބުދެމުން ގެންދިޔައިރު ވެސް ކުރިޔަށް ދެ ކުޅި ކުޅެވޭތޯ އަނިލް ބެލިއެވެ.

"މަށަށް ވަރިހަމަ ކަލެއަށް ކޮންމެ ނަމެއް ކިޔަސް،" ޝައުގުވެރިކަން ނެތް ކަހަލަ ގޮތަކަށް އަނިލް ބުނެލިއެވެ. "އަހަރެން ކޮންމެހެން ތި ކަމަކާ ވިސްނާކަށް ނުޖެހޭ! ބަލާކަށް ވެސް ނުޖެހޭ! ކަލޭ އިސްލާން ވިއްޔާ ވެގެން ތި އައި ތާކަށް ދާންއުޅޭ! އަހަރެން ކޮންމެހެން ކަލޭ ހިފާއްޓާކަށް ނޫޅެން. އަހަންނަކަށް ނޭނގެ ކަލޭ ތި ބުނަނީ ތެދެއްކަމެއް ވެސް. އެކަމަކު އެނގޭ އެއްޗެއް ބުނެފާނަން. ހަނާއަށް ހަދާފަ ހުރި ސިހުރާ ހަވާލުވެގެން ބޮޑަކަށް ހުރި މީހަކީ ކަލެއެއް ނޫން. ތި ދެއްކި ވާހަކަތަކުން އެ ވަރު އެނގިއްޖެ! ކަލޭ ތި ހުންނަނީ މި ދޭތެރޭގަ ބޭކާރު އަނގަތަޅަން."

"އޭ އަހަރެން ދަނީ އިނގޭ!" ހީނގެންފައި ހަނާ ބުންޏެވެ.

ހަނާ އެހެން ބުނިތާ އިރުކޮޅެއް ނުވަނީސް ހަނާގެ އަސްލު މިޒާޖަށް ހަނާ ބަދަލުވިކަން އަނިލްއަށް ފާހަގަކުރެވުނެވެ. ހަނާގެ ހަރަކާތްތަކާއި، ބަހުރުވަ ވެސް އާންމު އިންސާނަކާ އެއްގޮތަށް ބަދަލުވިއެވެ. ހަނާގެ ބުރަކަށްޓާއި، އަތަށް ވެސް ތަދުވާތީ އުޅެން ފެށިއެވެ. އެ ރެޔަށް ކިޔެވުން ނިންމައިލައިފައި، ފެންފުޅިއެއް ދީފައި އަނިލް ނުކުތެވެ. ބުއިމަށާއި އެ ފެން އަޅައިގެން ފެންވެރުމަށެވެ.

ހަނާއަށް ސިހުރުހަދާ ނަމަ އެ ކަން ކުރަނީ ކާކު ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ ހަނާއަކީ އެއްވެސް މީހެއް ދެކެ ރުޅިއަންނަ ކުއްޖެއް ނޫނެވެ. މީހަކަށް ދެރައެއްދީ ނުވަތަ ޒުވާބުކޮށް ހެދި ކުއްޖެއް ވެސް ނޫނެވެ. އެންމެން ވެސް އެ ކަމާ ވިސްނިއެވެ. އެ ވާހަކަދެއްކިއެވެ. ރިޒްވާންގެ ނަޒަރުގައި ރިޒްވާންގެ އާއިލާގައި ހަނާއަށް ސިހުރުހަދާނެ މީހަކު ނުހުންނާނެއެވެ. އެންމެން ވެސް ހަނާ ދެކެ ލޯބިވެއެވެ.

ޒާހިދާ ނިދަން އޮށޯތްއިރު ނަސީމަށް އޮވެވުނީ ނިތްކުރިމަތީގައި އަތްބާއްވައިލައިގެންނެވެ. އެއީ ދުވަހަކު ވެސް ނަސީމު އޮންނަން ގޮތެއް ނޫނެވެ.

"ކޮން ފިކުރެއްގަބާ؟" އެނދުގައި އޮށޯންނަމުން ޒާހިދާ އެހިއެވެ.

"ދެން ހަމަ ވިސްނާލަނީ،" ފުން ނޭވައެއް ބޭރުކޮށްލައިފައި ނަސީމު ބުންޏެވެ. "ހަގީގަތުގަ ވެސް އަނިލް އެ ވާހަކަދައްކަނީ ޖިންނިއަކާ ބާ؟ ޒާހިދާ ކީއްވެގެން ކުއްލިއަކަށް އެ ތަނުން ނުކުތީ؟"

ޖަވާބުދިނުމުގެ ކުރިން ޒާހިދާ ދެ ފަހަރަށް ވިސްނައިލިއެވެ. އެއަށް ފަހު އެއްޗެއް ނުބުނެ ހިމޭނުން އޮތީއެވެ. ޒާހިދާއާ ދިމާއަށް ނަސީމު އެނބުރުނުއިރު ޒާހިދާ އޮތީ ލޯމަރައިގެންނެވެ.

"ދެން ނިދަންއުޅޭ!" ޒާހިދާ ބުނެލިއެވެ.

ހަނާ ގާތުގައި އޮށޯވެގެން އޮތް ރިޒްވާން ވެސް ނިދަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ނިންޖެއް ނައެވެ. ހިތުގައި ސުވާލުތައް އުތުރިއަރަނީއެވެ. ހަނާޔާ ޖިންނިއެއް އަވަލެވީ ހެއްޔެވެ؟ ކޮންމެވެސް މީހަކު ސިހުރުހަދަނީ ހެއްޔެވެ؟ އެއީ ކާކުކަން އެނގޭ ދުވަހު ރިޒްވާނަށް އެ ވާހަކަ ގަބޫލުކުރެވޭނެ ހެއްޔެވެ؟ ނުކުރެވޭނެ ނަމަ ރުޤްޔާކުރުމުގެ ބޭނުމެއް ނެތެވެ. ހަނާއަށް ބަލައިލިއިރު އޭނަ އޮތީ ނިދައި މަރުވެފައެވެ. އެކަމަކު ދޭތެރެއަކުން މޫނަށް ކޮންމެވެސް ގޮތެއް ހަދައިލައެވެ. ނިތްކުރިޔަށް ރޫތަކެއް އަރުވައެވެ. ހީވަނީ އުނދަގުލެއް ވާހެންނެވެ. ހުވަފެނެއް ފެންނަ ހެންނެވެ.

ޖެހިގެންއައި ދުވަހެވެ. ހަނާ ފެންވަރުވަން ރިޒްވާން އުޅުމުން އެ ކަމާ ހަނާ ދެކޮޅުހެދިއެވެ. ބާލިދީ ފުރެންދެން ފެންއަޅައިފައި، އަނިލް ދިން ކުޑަ ފެންފުޅީގެ ފެން ބާލިދީއަށް އެޅި ވަގުތުން ފެށިގެން ހަނާ ފެންވެރުން ހުއްޓައިލިއެވެ. ފުޅިން ފެންއެޅުމާ ހަމަޔަށް ނިކަން ގަޔާވެގެން ހަނާ ފެންވެރިއެވެ.

"ކޯޗެއް ތި އެޅީ؟" ހިތްހަމަނުޖެހިފައި ހަނާ އެހިއެވެ.

"ފެނެއްނު!" ރިޒްވާން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.

ހަނާ ކުއްލިއަކަށް ފުޅި ޖަހައިގަތެވެ. ފުޅިން ވަސްބަލައިލިއެވެ. ހީވީ ކުނިވެފައިވާ އެއްޗަކުން ވަސްބެލިހެންނެވެ. ބޭރަށް ނޭވާތަކެއް ލައިލައިފައި، ނޭފަތް ފުހެފައި، ފާހާނާ ތެރެއަށް ފުޅި ހޫރައިލިއެވެ.

"ކޯޗެއް އެއީ؟" ރުޅިއައިސްފައި ހަނާ އެހިއެވެ.

ރިޒްވާން ފުޅި ނެގިއެވެ. ވަސްބެލިއެވެ. ރިޒްވާނަކަށް އެއްވެސް ވަހެއް ނުދުވައެވެ.

"މީ ހަމަ ނޯމަލް ފެނޭ ހަނާ!" ރިޒްވާން ޔަގީންކަން ދިނެވެ.

"އެހެން ނުވާނެ،" ހަނާ އެއްބަހެއް ނުވިއެވެ. "ތީ ކުރީ ރޭ އައި މީހާ ދިން ފެން. މަށަށް އެނގެޔޭ. އެއީ އެކައްޗެއް ވެސް އެނގޭ މީހެއް ނޫން. ފޭކް މީހާ ގަނޑެއް. އަދި މާ މޮޅު މީހަކަށް ވެގެން އުޅެފިއެއްނު! ޚަދީޖާ މާ މާ މާ ރަނގަޅު."

"ޚަދީޖާ ހިނގައްޖެއްނު!" ޖަވާބުގައި ރިޒްވާން ބުންޏެވެ. "ދެން އޭނަގެ ވާހަކަ ދައްކާނެކަމެއް ނެތް."

"މިހިރީ އޭނަ!" ފާހާނައިގެ ފާރަކާ ދިމާއަށް އިޝާރާތް ކޮށްފައި ހަނާ ބުންޏެވެ. "ރިޒްވާނަކަށް ނުފެނޭ؟ އޭނަ ބުނީ މައްކާއިން ޝޭހުން އަންނާނޯ އަހަންނަށް ރުޤްޔާކުރަން. އައިމަ އެ މީހުން ލައްވާ ކުރުވާނީ."

ރިޒްވާން ކުޑަކޮށް ޖެހިލުންވިއެވެ. ހިތްބިރުގަތެވެ. އެކަމަކު އެ ކަން ފޮރުވަން ކުރެވެން ހުރި ހުރިހައި މަސައްކަތެއް ރިޒްވާން ކުރިއެވެ.

"ހޫނ! ދެން ހިނގާ މި ތަނުން ނުކުންނަމާ!" ތުވާލި ނަގަމުން ރިޒްވާން ބުންޏެވެ. "ފެންނުވަރަންޏާ އަހަރުމެން މި ތާ ތިބެނީ ކީއްކުރަން؟"

"ދެން ކީއްކުރަން އެ މީހުން އެ ތިބީ؟" ފާހާނައިގެ މަތީ ކަނަކާ ދިމާއަށް އިޝާރާތްކޮށްފައި ހަނާ އެހިއެވެ.

ބޭއިހުތިޔާރުގައި ރިޒްވާނަށް އެ ކަނާ ދިމާއަށް ބަލައިލެވުނެވެ. ރިޒްވާނަކަށް އެއްވެސް މީހެއް ނުވަތަ ދިރޭ އެއްޗެއް އެ ތާކުން ނުފެނެއެވެ. އެކަމަކު، ނުފެންނަ ކިތަންމެ އެއްޗެއް އުޅޭނެކަން ރިޒްވާނަށް ގަބޫލުކުރެވެއެވެ.

"އެ މީހުން ބައިތިއްބާފަ އަހަރުމެން ހިނގާ ނުކުންނަން." ހަނާގެ އަތުގައި ހިފައިފައި ރިޒްވާން ބުންޏެވެ.

ހަނާ ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. ކަނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ރިޒްވާން ހުރީ ހަނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު ހަނާގެ މޫނަށް ވައްތަރެއްޖައްސައިލިއެވެ. ހީވަނީ ކޮންމެވެސް ފަކުރުގަންނަ އެއްޗެއް ހަނާއަށް ފެނުނުހެންނެވެ.

"ވަރަށް ހަޑި ވައްތަރަކަށް ތިބި އެއްޗެހިތަކެއް ވެސް އެބަތިބި،" މަޑުމަޑުން ހަނާ ބުނެލިއެވެ. "މުޅި ގައިގަ ކެހެރި ފަޅާފަ، ނިތްކުރިން ދަޅުފަޅާފަ، މުޅި މޫނުގެ ހަންގަނޑު.."

ހަނާގެ ވާހަކަ އެ ހިސާބަށް ދިޔަތަނާ ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ.

"ހޫނހޫނ!" ރިޒްވާނަށް ނުހުރެވިގެން ބުންޏެވެ. "ވަރިހަމަޔޭ ކިޔައިނުދިނަސް. ހިނގާ ނުކުންނަމާ! މަންމަ ކަންނޭނގެ އެ އައީ."

ފާހާނައިގެ މަތީ ކަނަށް ބަލަމުން ފަހަތަށް ފަހަތަށް ހަނާ ނުކުތެވެ. ނުކުތުމާ އެކު ރިޒްވާން ދޮރު ލެއްޕިއެވެ. ކޮޓަރީގެ ދޮރު ހުޅުވިއިރު އެކަކު ވެސް ނެތެވެ. ރިޒްވާން ނިންމީ ދޮރު ނުހުޅުވުމުން އެ މީހަކު ދިޔައީ ކަމަށެވެ. ހަނާ ފެންވަރުވައިފައި ގައިގައި ލާން އަނިލް ދިން ތެލެއް ހުއްޓެވެ. އެ ތެލެއް ވެސް ހަނާ ނުލިއެވެ.

"ތީ ދެން ކޮންކަމެއް ރިޒްވާން؟" ހަނާ ރުޅިއައިސްފައި ބުންޏެވެ. "މީހަކު ހަމަ އެއްޗެއް ބުނާއިރަށް ތިވަރަށް ގަބޫލުކުރާކަށް ނުވާނެ. ތި ބުނަނީ މަގޭ ގައިތެރެއަށް ޖިންނި ވަނިއްޔޭ! އެހެން ވިއްޔާ ތި ތެޔޮފުޅި ބޯލިޔަސް މާ ރަނގަޅުވާނެ ކަންނޭނގެ. އޭރުންތާ ތެޔޮ އެތެރެއަށް ދާނީ. ގައިގަ ލައިގެން ކޮންކަމެއް ވާނީ؟ ކަމެއް ވެގެންތާ ޑޮކްޓަރު ވެސް ކާ ބޭހެއް އެހެން ނޫނީ ބޯ ބޭހެއް ދެނީ."

ރިޒްވާންގެ ހިތުގައި ޝައްކު އުފެއްދުމުގައި ހަނާ ކާމިޔާބު ހޯދިއެވެ. ނަތީޖާއަކަށް ވީ ތެޔޮލުމުގެ ހިޔާލު ރިޒްވާން ވެސް ދޫކޮށްލުމެވެ. އޭގެ ފަހުން ހަނާ ހަމައިގައި ހުންނަނީ ބައެއް ވަގުތުއެވެ. ދޭތެރެއަކުން އެހެން މިޒާޖަކަށް ބަދަލުވެއެވެ. ނުވެސް ގުޅޭ ވާހަކަތަކެއް ދައްކަން ފަށައެވެ. ހީވަނީ އެހެން މަޚުލޫގެއް ހަނާ ކޮންޓުރޯލުކުރާހެންނެވެ.

އިރުއޮއްސުމާ އެކު ހަނާ ބޭރަށް ނުކުންނަން ބޭނުންވެއެވެ. ގޭގެ އެންމެން ފާރަޔަށް ތިބޭއިރު ވެސް ހަނާ ބެލެހެއްޓެނީ ކިރިޔާއެވެ. ގަދަހަދާތީއެއް ނޫނެވެ. ކަންތައް ކުރާލެއް ސިއްރުކަމުންނެވެ. އަނިލްއަށް ގުޅައިގެން ރިޒްވާން އެ ކަމާ މަޝްވަރާކުރިއެވެ.

"ހުންނާނީ ދަނޑިވަޅަކަށް ބަލަބަލާ!" ރިޒްވާން ކިޔައިދިނެވެ. "ޗާންސެއް ލިބޭއިރަށް ނައްޓާލާނެ. ބުނެފާނެ މަންމަ އެބަހުއްޓޭ ބޭރުގަ މަންމަ ބުނެގެންނޭ މި ނުކުންނަނީ. މަންމައަށް ފެނިއްޖެއްޔާ ބުނެފާނެ އަހަރެން އެބަހުއްޓޭ ބޭރުގަ. ކިހާ އޮޅޭނެ. ކުދިންގެ ކުޅަދާނަކަމުން ހަނާ ހިފާއްޓާލެވެނީ. ދޮރު ތަޅުލާފަ ތަޅުދަނޑި ފޮރުވާފަ އޮތަސް އޮތް ތާކުން ނަގައިގެން ވެސް ދަނީޔޭ."

"ދޮރު ލައްޕާއިރު ބިސްމި ކިޔައިފަ ލައްޕާ!" އަނިލް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. "އިރުއޮއްސޭ ވަގުތު ހަނާ ކައިރީގަ ބަހައްޓައިގެން ކުރުސި ކިޔަވާ! ބަލާތި އޭނަ ލައްވާ ވެސް ކިޔެވޭތޯ! ގޭގަ ވީހާ ވެސް ގިނައިން ޤުރުއާން ކިޔަވާ! ލަވަ ނުޖަހާތި! ފެންނަ ގޮތަށް އެއްވެސް ތަނެއްގަ ތަސްވީރު ނުބަހައްޓާތި! ހެނދުނާ ހަވީރުގެ ޒިކުރުތައް ބަރާބަރަށް ކިޔަވާ! ގެއަށް ވަންނަމުން ކިޔާ ދުއާ، ނުކުންނަމުން ކިޔާ ދުއާ، ފާހާނާއަށް ވަންނަމުން ކިޔާ ދުއާ ކިޔުން އާދަޔަކަށް ހަދާ! އޭރުން ކަމެއް ވާތަން އަހަރުމެންގެ ލޮލަށް ނުފެނުނަސް ވަރަށް ވަރުގަދަ ކަންތައްތަކެއް ހިނގާނެ. މި ހުންނަނީ ޖިންނިސައިތާނުންނާ ދެކޮޅަށް ބޭނުންކުރެވޭނެ ބާރުގަދަ ހަތިޔާރުތައް."

އަނިލް ބުނި ހުރިހައި ކަމެއް ރިޒްވާން ކުރިއެވެ. އަދި ރުޤްޔާކުރަން ދެވަނަ ފަހަރަށް ވެސް އަނިލް ގެނައެވެ. ރުޤްޔާކުރިއެވެ. އެ ރެޔަކީ އާދަޔާ ޚިލާފު ރެޔެކެވެ. ގަބޫލުކުރަން އިންތިހާއަށް ދަތި، ވަރަށް ބޮޑު ސިއްރެއް ފަޅާއެރި ރެޔެކެވެ. އެ ހިސާބަށް ދިޔުމަށް ޓަކައި ގަޑިއެއްގެއިރު ވަންދެން އަނިލް ކިޔަވަން ޖެހުނެވެ.

"މަށަށް އަނިޔާ ނުކޮށް މަންމަ ގާތުގަ ބުނެބަލަ ސިހުރުހެދުން ހުއްޓާލާށޭ!" ހަނާ ރުޅިއައިސްފައި ބުނެލިއެވެ.

ނުނިމޭ