ކޮވިޑް-19: އިންޑިއާ އިން 10 ޓަނުގެ ބޭސް ލަންކާ އަށް ފޮނުވައިފި
ކޮވިޑް-19: އިންޑިއާ އިން 10 ޓަނުގެ ބޭސް ލަންކާ އަށް ފޮނުވައިފި

ކޮލަމްބޯ (އެޕްރީލް 7) - އިންޑިއާ އިން 10 ޓަނުގެ ބޭސް ލަންކާ އަށް މިއަދު ފޮނުވައިދީފި އެވެ.

ކޮރޯނާވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި، މި ބޭސް ފޮނުވައިދިނީ ލަންކާ ސަރުކާރުން އެދިގެންނެވެ. ބޭސް ގެންދިޔައީ އެއާ އިންޑިއާގެ ޚާއްސަ މަތިންދާ ބޯޓެއްގަ އެވެ.

ކޮލަމްބޯގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މިއީ އަނެއްކާވެސް ދެ ގުޅުމުގެ ގާތް ގުޅުމުގެ މިސާލެއް ކަމަށެވެ. އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް އަވަށްޓެރި ގައުމުތަކަށް އެހީވުމަށް އިސްކަން ދޭ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަށް އިންޑިއާ އިން ވަނީ 10 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާގެ ހެލްތު މިނިސްޓްރީން މިހާރު ވަނީ ސާކް ގައުމުތަކުގެ ހެލްތު އޮފިޝަލުންނަށް އޮންލައިން ޓްރޭނިން ދޭން ފަށައިފަ އެވެ.

ކޮރޯނާވައިރަހަށް އިންޑިއާ އިން 4،911 މީހުން ޕޮޒިޓިވްވެފައިވާ އިރު 137 މީހުން ވަނީ މަރުވެފަ އެވެ. ލަންކާ އިން ވަނީ 185 މީހުން ޕޮޒިޓިވްވެ ހަ މީހުން މަރުވެފަ އެވެ.