07 އެޕްރީލް 2020 - 20:07

ކޮވިޑް-19ގެ ބިރުވެރިކަން ދުނިޔޭގެ އެކި ގައުމުތަކުން އަންދާޒާކުރާ ގޮތާއި ލަފާކުރާ ގޮތާ ތަފާތުކޮށް، މި ނުރައްކަލުން ދިވެހިންނަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އެ ނަތީޖާއާ ގުޅިފައި އޮތީ އެކުވެރިކަމާއި އެއްބައިވަންތަ ގުޅުމަކުން މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ޚިތޯބުގައި، މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ސަލާމަތް ކުރަން، ގައުމީ ފެންވަރުގައި މެދުކެނޑުމެއް ނެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު ހެނދުނު ގައުމީ ޓާސްކް ފޯހުން ފަށާ އެ މަސައްކަތް ރޭގަނޑު ނިންމަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވިތާ ވެސް މިއަދަކީ މަހެއް ފުރުނު ދުވަސްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވިޔަނުދީ މި ހާލަތުން އަރައިގަތުމަށް ވަރުބަލިކަމެއް ނެތި ކުރާ ބުރަ މަސައްކަތްތަކުގެ ފަހަތުގައި އެތައް ސަތޭކަ ބަޔަކު އެބަތިބި ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ މި ވައިރަހުން ސަލާމަތްވުމަށް ބަޔަކު ކުރާ މަސައްކަތުގެ މައްޗަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނާއި އާއްމު ސިއްހަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނާއި ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބަޔަކު މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސިއްހަތު ދުވަހުގެ ޝިއާރާ ގުޅުވައި އަމީން ވިދާޅުވީ ޚިދުމަތުގެ ގޮތުން ވަކިން ޚާއްސަކޮށް ފާހަގަކުރަން ޖެހޭ ޚިދުމަތްތެރިންގެ ތެރޭގައި ނަރުހުންނާއި ފޫޅުމައިން ހިމެނޭ ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ނަރުހުންނަކީ އެންމެ ކުރީ ސަފުގައި ތިބި އޯގާތެރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ސިއްހީ އެންމެހާ ޚިދުމަތްތެރިންނަކީ، އެ ޚިދުމަތްތެރިންގެ އަގު މުޅި ގައުމުގެ ދުލުން ގޮވަމުންދާނެ ޚިދުމަތްތެރިން ކަން އަޅުގަނޑު ބަލައިގަންނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހަކީ ރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ބޮޑެތި ބަދަލުތަކަކާއި ގޮންޖެހުންތަކެއް އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ދިމާވި ދުވަސްތަކެވެ.
މިނިސްޓަރު ވިދާޅުވީ މި ނުތަނަވަސްކަމާއި ހިތްދަތިކަމުގައި އޮތީ ރާއްޖެ އެކަނި ނޫން ކަމަށާއި ދުނިޔޭގެ ހަތަރު ބިތުން ވެސް އަޑުއިވެނީ ނުތަނަވަސްކަމާއި އުދާސްކަމުގެ އަޑު ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު މަރުވި ވައިރަހުގެ ނުރައްކަލުން ރާއްޖެ އަށް ވެސް ވެރިވެފައި ވަނީ ހާސްކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހިސާބުކުރުމާއި އަންދާޒާ ކުރުމުގެ ނަތީޖާ ތަފާތުކޮށް، މިއަދު ރާއްޖޭގެ ހާލަތު އޮތް ކަމުގައި ވިޔަސް އެނގުމެއް ނެތި ދިވެހި އާބާދީ އަށް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ނުރައްކާ އިންތިހާ އަށް އޮތް ކަމަށް ދެކި ސަރުކާރުން މިދަނީ ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އަޅަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ފިޔަވަޅުތަކުގެ އަމާޒު ހިފާފައި މިވަނީ، ރާއްޖެ އަށް މިފަދަ ނުރައްކަލެއް އަތުވެއްޖެ ހިނދެއްގައި މިކަމުން އާބާދީ ސަލާމަތް ކުރުމުގައި ކުރަން ޖެހޭ މަސައްކަތްތަކުގައި."
ދުނިޔޭގެ ހުރިހާ ހިސާބުތަކަކުން ވެސް މި ބަލީގެ ނުރައްކާ ފެންނަމުންދާ އަޑުތަކާއި މަންޒަރުތަކާއި ދުނިޔެ ކުރަމުންދާ ތަޖުރިބާ އިން ދިވެހިންނަށް އެނގި އިހްސާސްވަމުންދާ ކަމަށް ވިދާޅުވި އެވެ. މިކަމުން އަރައިގަނެވޭނީ އަދިވެސް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ވައިރަހުގެ ނުރައްކާ އާއްމުންގެ އަސްކަނިތަކާ ހަަމައަށް އަދި ނުފޯރިއަސް އެ ބިރު އެބައޮތް ކަމަށާއި އެކަމުން އަރައިގަނެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައި ވަނީ މުޅިން އަލަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ހާލަތު ކުރަމުން އަންނަ މުހިއްމު މަސައްކަތުން ދޭހަކޮށްދެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އާބާދީގެ ނާޒުކު ކަމެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެމުން އަންނަ އިރުޝާދުތަކަށް ތަބާވެ، ޚިދުމަތް ހޯދުމާއި އިޖުތިމާއީ ބައްދަލުވުންތަކުގައި ވެސް އެކަކު އަނެކަކާ އެކަށީގެންވާ ދުރުމިން ބެހެއްޓުމަށް މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ.
"މިއީ، ނުރައްކާތެރި ބައްޔެއް، މިއީ ބިރުވެރި ބައްޔެއް، މުޅި އާބާދީ ނެތިދިއުމުގެ ނުރައްކާ މުޅި ދުނިޔެ އަށް ކުރިމަތިވެފައި އޮތް ބައްޔެއް،" އަމީން ވިދާޅުވި އެވެ.
އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެކުވެރިކަމާއި އެއްބާރުލުމާ އެކު މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން މިނިސްޓަރު ގޮވާލެއްވި އެވެ.