ކޮވިޑް-19: ނީލަން ފިހާރަ މަގު ސާފުކޮށް، އެ މަގުގައި ދުއްވާގޮތް ބަދަލުކުރަނީ
ކޮވިޑް-19: ނީލަން ފިހާރަ މަގު ސާފުކޮށް، އެ މަގުގައި ދުއްވާގޮތް ބަދަލުކުރަނީ

ޒަމާނުއްސުރެއް ތަރުތީބެއް ނެތި ނީލަން މުދާ ބަހައްޓައިގެން ވިއްކަމުންދާ ފަޅުމަތީ މަގު (ނީލަން ފިހާރަ މަގު)، ކޮވިޑް-19އާ ގުޅިގެން ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ މެއިން ކެމްޕަސްއާ ޖެހިގެން އޮންނަ ފަޅުމަތީ މަގުގެ، މޯލްޑިވްސް ޕޮލިޓެކްނިކް ބިއްދޮށަށްވާ ހިސާބަކީ ސަމާނުއްސުރެއް އެއްވެސް ތަރުތީބެއް ނެތި އެކި ކަހަލަ މުދާ ބަހައްޓައިގެން ވިއްކަމުން އަންނަ ހިސާބެކެވެ.

އެގޮތުން އެ ސަރަހައްދުގައި ފިލާ ލަކުޑި، ގޮނޑި މޭޒު، އަދި މި ނޫން ވެސް ހުރިހާ ބާވަތެއްގެ ތަކެތި ވިއްކަން ހުރެ އެވެ. އެ ސަރަހައްދުގައި ތަރުތީބެއް ސާފުތަހިރުކަމެއް ނެތި މިކަން މިހެން ކުރުމަކިީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަޅުމަތީ މަގުގެ ވަކި ސަރަހައްދެއްގައި ތަރުތީބެއް ނެތި މުދާ ބަހައްޓައި ވިއްކަމުންދާތި އެ ސަރަހައްދުގައި ދުއްވާ މީހުންނާއި، ހިނގާ މީހުންނަށް ވެސް ދަތިވަމުންދާ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް ބިމެއްގައި ނުވަތަ ސަރަހައްދެއްގައި މުދާ ބަހައްޓައި ބޭނުންކުރަން ވާނީ ހަމަޖެހިފައިވާ ވަކި އުސޫލެއްގެ ދަށުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން އެ މަގު ސާފުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެ މަގުގެ ވަކި ސަރަހައްދެއްގައި ދުއްވާގޮތަށް ވެސް ބަދަލުތަކެއް ގެންނަން ކައުންސިލުން ވަނީ ނިންމާފަ އެވެ.

ސިޓީ ކައުންސިލުން ބުނީ އެ މަގުގެ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް އެއްކޮޅަސް ދުއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދުއްވޭނީ ހުޅަނގުން އިރަށް ކަމަށާއި އެ މަގުގެ ދެން ހުރި ސަރަހައްދުތަކުގައި ހަމަ ކުރިއެކޭ ވެސް އެއްފަދައިން ދެކޮޅަށް ދުއްވޭނެ ކަމަށެވެ.