07 އެޕްރީލް 2020 - 15:12

ކާފިއު ވަގުތުތަކުގައި އާންމުން މަގުމަތީގައި އުޅުން ހުއްޓުވުމަށްޓަކައި އެމްޓީސީސީން ވިލިމާލެ އަށް ޝެޑިއުލް ކުރާ އެންމެ ފަހު ފެރީ ވަގުތަށް ބަދަލު ގެނެސްފި އެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ، މިއަދުން ފެށިގެން ކާފިއު ވަގުތު ގެ ކުރިން ބާއްވާ އެންމެ ފަހު ފެރީ އޮންނާނީ ހަވީރު 4:20 ގައި ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ވިލިމާލެ އަށް އެންމެ ފަހު ފެރީ ޝެޑިއުލްކޮށްފައި އޮތީ 4:30 ގަ އެވެ.
ސަރުކާރުން ވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5:00 އިން 8:00 އަށް ކާފިއު އިއުލާންކޮށްފަ އެވެ.
"މިގޮތަށް މިހެދީ، ފެރީގައި އައުން އެއީ ކާފިއު ވަގުތު ޖެހޭ އިރު ބޭރުގައި އުޅުން އުޒުރަކަށް ހެދުމަށް ފުރުސަތު ނުދޭންވެގެން،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ، މިހާރު ކަނޑައަޅާފައިވާ ގޮތުން އެމްޓީސީސީގެ ފެރީގެ އިތުރުން ބަހުގެ ހިދުމަތްތައް ވެސް 4:30 ގެ ކުރިން ނިމޭނެ ކަމަށެވެ. ދެން ދަތުރުތައް ފަށާނީ ކާފިއު ވަގުތު ނިމުމުންނެވެ.
ނާޒިމް ވިދާޅުވީ، ފެރީން ދަތުރު ކުރުމުގައި އެންމެ ފަހު ފެރީއަށް މަޑުނުކޮށް، ހުރިހާ އެންމެން ވެސް އަވަހަށް ދަތުރުތައް ކޮށް ނިންމާލުމަށް އެދޭ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމްޓީސީސީން ވަނީ އަޅައިފަ އެވެ. އެގޮތުން މިދިޔަ މަހު ވަނީ އެ ކުންފުނީގެ ފެރީތައް ޑިސްއިންފެކްޓްކޮށްފަ އެވެ.
އެ ކުންފުނިން ވަނީ އާންމުން ތޮއްޖެހުނަ ނުދިމަށްޓަކައި އެއް ފެރީއަކުން ކުރިން ދަތުރު ކުރާ މީހުންގެ އަދަދު 50 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު 100 މީހުންގެ ޖާގައިގެ ފެރީއަކުން ދަތުރު ކުރާނީ 50 މީހުންނެވެ.