މެމްބަރުން ވިދާޅުވަނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުން ބުއްދިވެރި ނޫން ކަމަށް: ނަޝީދު
މެމްބަރުން ވިދާޅުވަނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުން ބުއްދިވެރި ނޫން ކަމަށް: ނަޝީދު

މިހާރުގެ ކައުންސިލްތަކުގެ އުމުރު ދިގުކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން އިސްހާލު ހުށައެޅިޔަސް، މިދިއަ ދެ ދުވަހު އޮތް ބަހުސުން ދޭހަވީ، އެފަދަ ބަދަލެއް ގެނައުމަކީ މެމްބަރުންގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅު ވެއްޖެ އެވެ.

އެކަމަކު އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 އާ ހެދި ލޯކަލް ކައުންސިލް އިންްތިހާބު ލަސްކުރެވޭނެ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އަދި އެހެން ބޭފުޅަކު ވެސްް ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރި އަދި މިހާ ތަނަށް ވެކްސިނަކާއި ބޭހެއް ވެސް ހޯދިފައި ނުވާ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރާށާއި މިހާރުގެ ކައުންސިލްތަކުގެ ދައުރު ދަންމާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީއަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެކަމަކު ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތްކުރައްވައި، މިއީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެވިދާނެ ހާލަތެއްތޯ ނަޝީދު ވަނީ އިއްޔެ ސުވާލު އުފައްދަވައި، އެކަން ބަހުސަށް ހުޅުއްވާލައްވައިފަ އެވެ. އެމަނިކުފާނު އެގޮތަށް ސުވާލު އުފެއްދެވީ، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތަށް ގާނޫނީ ލަފާ ދެއްވުމުގެ ޒިންމާ އުފުއްލަވާ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައާ ވެސް ދެކޮޅަށެވެ.

އިއްޔެ ފިލްޒާ ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ނެތް ކަމަށާއި އެހެންކަމުން ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން ހުރަހެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގައި ވަކި ބާބެއް ހާއްސަކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ހާލަތެކެވެ. އެ ހާލަތުގައި ބައެއް ގާނޫނުތަކަށް އަމަލްކުރުން ވެސް ހުއްޓާލަ އެވެ. އަދި ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ވެސް ދެ އެވެ.

އެކަމަކު އާންމު ސިއްހަތާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމުގެ ބާރު ދީފައި އޮންނަނީ ހެލްތު މިނިސްޓަރަށެވެ. އަދި އެއްވެސް ގާނޫނަކަށް އަމަލްނުކުރުން ފަދަ ގާނޫނީ ބޮޑެތި އިޚުތިޔާރުތަކެއް، މި ހާލަތުގައި ނުލިބެ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވެ އެވެ.

އެކަމަކު ރައީސް ނަޝީދު މި ދެ ހާލަތު އެއްގޮތްކުރައްވާ ސުވާލު އުފެއްދެވުމުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެމަނިކުފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ބަހުސް ކުރިއަށް ގެންދެވި އެވެ. އަދި އަނެއް ބައި މެމްބަރުން، އެއީ މުޅިން ދެ ހާލަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި ދެ ހާލަތުގައި ތަފާތު ހުރި ކަމަށް ފިލްޒާގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ނަޝީދު ހުންނެވީ އެ ލަފާތައް ގަބޫލުފުޅުކުރައްވާ ގޮތަކަށެއް ނޫނެވެ.

އެމަނިކުފާނު މިއަދު ވިދާޅުވީ ކައުންސެލް ޖެނެރަލް ދެއްވާ ގާނޫނީ ލަފަޔަށް އަމަލުކުރުން ލާޒިމް ނޫން ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި އެ ލަަފާ ހޯއްދެވީ ވެސް އެމަނިކުފާނު އެދިވަޑައިގެން، އަމިއްލަފުޅަށް ކަމަށް ވެސް ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ ވާހަކައާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ ބަންޑާރަނައިބަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވަން ހުންނަވާ ބޭފުޅެއް ކަމަށެވެ.

"ގާނޫނީ ލަފާ އެބަ ލިބޭ އިނގޭތޯ. ބަންޑާރަނައިބަކީ އަޅުގަނޑުމެންނަށް ލަފާދެއްވާ ބޭފުޅެއް ނޫން. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅެއް. އަޅުގަނޑަކަށް ގާނޫނީ ލަފާ ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދުގައި ކައުންސެލް ޖެނެރަލް އަށް އޮންނަނީ،" ނަޝީދު ވިދާޅުވި އެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެގެން މި އުޅެނީ މިދިއަ 100 އަހަރުގައި ވެސް ދިމާނުވާ ފަދަ ނުރައްކަލަކަށް ވެފައި، ރާއްޖޭގެ ކައުންސިލް އިންތިހާބާ ގުޅިގެން ގާނޫނީ ހައްލެއް ހޯދަން ސަރުކާރުން ހުށައެޅުމުން، "ކުއްލި ނުރައްކަލުގެ ހާލަތު" މަސްހުނިވި ސަބަބެއް، ނަޝީދުގެ އިތުރުން އެހެން އެއްވެސް މެމްބަރަކު ވެސް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމުން ގާނޫނުއަސާސީއަށް ބަދަލެ ގެންނާކަށް ހުރަހެއް ނެތެވެ. އެކަމަކު މިއަދުގެ ޖަލްސާ ނިންމާލައްވަމުން ނަޝީދު ވިދާޅުވި ވާހަކަފުޅުން ދޭހަވަނީ، އެމަނިކުފާނުގެ ރިޔާސަތުގައި ގާނޫނުއަސާސީއަށް މާ ގިނަ އިސްލާހުތައް ގެންނަވަން ބޭފުޅުނުވާހެންނެވެ. އެހެންކަމުން ދެ ދުވަހުގެ ބަހުސްތަކަށް ބިނާކުރައްވާ، ޖަލްސާ ނިންމާލެއްވީ މެމްބަރުންގެ ކޮޅަށް ބޯޅަ ޖައްސަވާފަ އެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް މިވަގުތު އިސްލާހެއް ގެނައުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް މެމްބަރުން ވިދާޅުނުވާ ކަމަށެވެ. އެގޮތަށް ދެކެވަޑައިގަންނަވާ ނަމަ އެކަން ބަދަލުކުރެވޭ ވަރަށް ވެސް މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އެކަމަކު ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމާ ދެކޮޅު ހައްދަވާ މެމްބަރުން އެ ދެކޮޅުހައްދަވަނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެނޫން ގޮތެއް ނެތިގެން ނޫނީ ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން އެދިވަޑައިނުގަންނަވާތީ އެވެ.

"އަޅުގަނޑަށް ސާފުވެއްޖެ އަޅުގަނޑު ސާފުކުރަން މިއުޅުނު ނުކުތާ. އެއީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އަޅުގަނޑު ރިޔާސަތުގައި އިނދެ ކިތައް ފަހަރަށްތޯ އަޅުގަނޑު މި މަޖިލީހަށް ފޮނުވަން ގަސްދުކުރަނީ،" ނަޝީދު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑަށް ފެނުނު ގޮތުގައި އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވިދާޅުވެފައި ތިޔަ ވަނީ ދާދި އިހަކަަށް ދުވަހު ލާމަރުކަޒީ ގާނޫނާ ގުޅޭ ގޮތުން އިސްލާހު ގެނެސްފިއޭ. ދެން މިހާރަކު، މި ދަނޑިވަޅަކު އިސްލާހު ގެނައުމަކީ ބުއްދިވެރިކަމެއް ނޫނޭ."

އެގޮތަށް ވާހަކަފުޅު ކުރިއަށް ގެންގޮސް ދެން ވިދާޅުވީ "ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ، އެހެންް ނަމަވެސް އަޅުގަނޑުމެން މީގައި ހައްލެއް، ދިވެހިރާއްްޖޭގެ ރައްޔިތުންނަށް ހޯދައިދޭނަން،" މިހެންނެވެ.

ގާނޫނުއަސާސިއަށް އިސްލާހެއް ނުގެނެސް ވެސް ކައުންސިލް އިންތިހާބު ލަސްކުރަން ކުރެވިދާނެ ކަންތައްތަކެއް ހުރިކަން އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ. އެގޮތުން ހުށަހެޅުއްވި އެއް ހައްލަކީ ކައުންސިލްތަކުގައި ތިބޭ ސިވިލް ސާވިސްގެ އެންމެ އިސް މީހުންނާ ކައުންސިލްތަކުގެ ހިންގުން ހަވާލުކުރުމެވެ. އެގޮތުން ހަވާލުކުރާނެ ބަަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލިސް ގުޅިގެން ނިންމިދާނެ ކަަމަށް ވެސް ބައެއް މެމްްބަރުން ވިދާޅުވި އެވެ.

"އެހެންވީމާ އެބޭފުޅުން ދެކޭ ގޮތުގައި ގާނޫނު އަސާސީގައި އަތްލާން ޖެހޭނީ އެހެން ފަރުވާއެއް، އެހެން ހައްލެއް މީގެން ކަމަކަށް ނުލިބޭ ކަމަށް ވަނީ ވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.

ޖަލްސާ ނިންމާލައްވަމުން އެމަނިކުފާނު ވިދާޅުވީ މި ދެ ދުވަހު ކުރި ބަަހުސުގެ ވޯޓަކަށް ނާއްސަވާނެ ކަމަށެވެ. އެމަނިކުފާނު އެ ބަހުސް ސިފަކުރެއްވީ "ޚިޔާލު ހޯދުމުގެ ބަހުސެއް"ގެ ގޮތުގަ އެވެ.