ކޮވިޑް-19: ލޮކްޑައުންގެ އަމުރާ ޚިލާފުވި ނިއު ޒީލެންޑުގެ ހެލްތު މިނިސްޓަރުގެ މަގާމު ދަށްކޮށްފި
ކޮވިޑް-19: ލޮކްޑައުންގެ އަމުރާ ޚިލާފުވި ނިއު ޒީލެންޑުގެ ހެލްތު މިނިސްޓަރުގެ މަގާމު ދަށްކޮށްފި

ވެލިންޓަން (އެޕްރީލް 7) - ނިއު ޒީލެންޑް ލޮކްޑައުންކޮށްފައި ވަނިކޮށް، އަމުރާ ޚިލާފަށް އާއިލާއާ އެކު ބީޗަށް ނުކުމެވަޑައިގަތް ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކުގެ މަގާމު ދަށްކޮށްފި އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ނިއު ޒީލެންޑް ލޮކްޑައުންކުރީ މާޗް މަހު ފަހުކޮޅު އެވެ. ލޮކްޑައުން ކުރި ދުވަސްވަރު ހެލްތު މިނިސްޓަރު ވަނީ އާއިލާއާ ބޭރުގައި އުޅުއްވައިފަ އެވެ.

ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ އާދައިގެ ހާލަތެއް ނަމަ ހެލްތު މިނިސްޓަރު މަގާމުން ދުރުކުރާނެ ކަމަށެވެ. ހެލްތު މިނިސްޓަރު ކްލާކް މަގާމުން ދުރުނުކޮށް ބަހައްޓާފައި ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން މިހާރު އެކުލަވާލާފައިވާ ޕްލޭންތަކަށް ހުރަސް އެޅިދާނެތީ އެވެ.

"ހެލްތު މިނިސްޓަރު އެ ކުރެއްވީ އެއްގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން. އެކުށަށް ދެއްކޭނެ އުޒުރެއް ނޯންނާނެ،" އާޑާން ވިދާޅުވި އެވެ.

ކްލާކް މަގާމުން ދުރުކުރުމުގެ ބަދަލުގައި އޭނާ މިހާރު ހަމަޖައްސާފައި ވަނީ ކެބިނެޓުގެ އެންމެ ދަށް ރޭންކަށެވެ. އަދި އެސޯސިއޭޓް ފިނޭންސް މިނިސްޓަރުކަން ވަނީ އޭނާގެ ކިބައިން ނަގައިފަ އެވެ.

ލޮކްޑައުން އަމުރާ ޚިލާފުވި ހެލްތު މިނިސްޓަރު، އާޑާން ސިފަކުރައްވާފައި ވަނީ "ގަމާރެއްގެ" ގޮތުގަ އެވެ.