07 އެޕްރީލް 2020 - 14:29

އައިލެންޑް އޭވިއޭޝަންގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އަމިއްލަ އަށް ނޯ ޕޭ އަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިއްޔެ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ނުވަތަ ކުންފުނީގެ މުވައްޒަފުން ވަކި ނުކުރި ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ނުހިނގާ ގޮތަށް ޗުއްޓީ ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް މި ވަގުތަށް ނޯޕޭ ލީވަށް ދާން ބޭނުންވެފައިވާ ވަނީ ކިތައް މީހުން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ ބޯޑުގެ މެންބަރުންނާއި އިސް މެނޭޖްމެންޓްގެ މުވައްޒަފުންގެ މުސާރަ 20 ޕަސެންޓަށް ކުޑަ ކުރަން ނިންމައިފަ އެވެ.
މީގެ އިތުރުން ގޭގައި ވެސް ގިނަ ބަޔަކު މިހާރު މަސައްކަތް ކުރަމުންދާތީ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ލުޔެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
"އޮފީހަށް މުވައްޒަފުން ނާންނާތީ ކަރަންޓު ބިލާއި ފެން ބިލު ވެސް ކުޑަވާނެ. ހަފްތާއަކު ތިން ދުވަހު ނުކުންނަ މުވައްޒަފުން ވެސް އުޅޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭ އިރު ބައެއް މުވައްޒަފުން އޮފީހަށް ދަނީ ހަފްތާއަކު ތިން ދުވަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ބަޔަކީ ދުނިޔޭގެ އެއާލައިން ކުންފުނިތަކެވެ. އައިލެންޑް އޭވިއޭޝަންގެ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ހުއްޓާލާފައިވާ އިރު އެ ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މި ވަގުތަށް ވެސް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކުރެ އެވެ.