ކޮވިޑް-19: ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ
ކޮވިޑް-19: ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ

ޓޯކިއޯ (އޭޕްރީލް 7) - ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގެ ވެރިރަށް ޓޯކިއޯ އާއި އެހެން ބައެއް ސަރަހައްދުތަކުގައި މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޖަޕާނުގައި ޕޮޒިޓިވްވި މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދު ނަމަވެސް ދުނިޔޭގެ އެންމެ ބިޒީ ވެރިރަށް ކަމަށްވާ ޓޯކިއޯގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ. ޓޯކިއޯއިން އެކަނި ވެސް 1،000 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ ވޭތުވެދިޔަ ހަފުތާއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ނިންމަވާފައިވަނީ ޓޯކިއޯގެ އިތުރުން އިތުރު ހަ ސިޓީއެއްގައި މިއަދުން ފެށިގެން އެއް މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެއްވުމަށެވެ. އެކަމަކު އެ ހާލަތު އިއުލާން ކުރިޔަސް، ވިޔަފާރިތަކާއި އާންމު ދަތުރުފަތުރަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އަދި ސިިޓީތައް އެއްކޮށް ބަންދު ނުކުރާނެ ކަމަށް ވެސް އަބޭ ވިދާޅުވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިޔަސް، އެހެން ގައުމުތަކުން ހެދި ގޮތަށް ސިިޓީތައް އެއްކޮށް ބަންދެއް ނުކުރާނަން. އެކްސްޕާޓުން ލަފާ ދެއްވަނީ އެފަދަ ފިޔަވަޅެއް އެޅުމުގެ ބޭނުމެއް ނެތް ކަމަށް،" އަބޭ ވިދާޅުވި އެވެ.

އެކަމަކު ކޮންމެހެން ބޭނުން ޖެހިގެން ނޫނީ އާންމު ބޭރަށް ނުނިކުތުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެދިިފަ އެވެ.

ބައެއް ސިޓީތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅިކަމުގެ ފާޑުކިޔުން ޖަޕާނު ސަރުކާރަށް އަމާޒުވި އެވެ. އެކަމަކު ޖަޕާނުގައި މިއަހަރު ބާއްވަން ނިންމި އޮލިމްޕިކް ގޭމްސް އަންނަ އަހަރަށް ކުރިން ވަނީ ފަސްކޮށްފަ އެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަޕާނަށް ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި އެ ގައުމުން ވަނީ 108 ޓްރިލިއަން ޔެން (990 ބިލިއަން ޑޮލަރު) އިގްތިސާދީ ޕެކޭޖެއް ވެސް އިއުލާން ކޮށްފަ އެވެ.

ޖަޕާނުގައި ކޮވިޑް-19 އަށް 3،800 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު، 85 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ،