ޖަރުމަނުގެ ބައެއް ކްލަބްތަކުން ތަމްރީންތައް ފަށައިފި
ޖަރުމަނުގެ ބައެއް ކްލަބްތަކުން ތަމްރީންތައް ފަށައިފި

މިއުނިކް (އޭޕްރިލް 7) – ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަން ލީގުގެ ބައެއް ކްލަބްތަކުން ތަމްރީންތައް ފަށައިފި އެވެ.

ލީގުތައް މެދުކަނޑާލައި ގައުމުތައް ލޮކްޑައުންގައި އޮތުމުން ކުޅުންތެރިން ފިޓްނަސް ހިފަހައްޓަނީ ގޭގައި ވޯކްއައުޓް ހަދައިގެންނެވެ. އެކަމަކު ޝޫޓިން އާއި ޕާސިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ތަމްރީންތައް ފެށީ އެވެ.

ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން އިއްޔެ ތަމްރީންތައް ބޭއްވީ ރައްކާތެރިކަމުގެ ފިޔަވަޅު ވަރަށް ބޮޑަށް އަޅައިގެންނެވެ. ސްކޮޑުގެ 21 ކުޅުންތެރިން، ފަސް ކުޅުންތެރިންގެ ފަސް ގްރޫޕަށް ބަހާލައިގެން ތަމްރީންތައް ހެދިއިރު، ކޮންމެ ކުޅުންތެރިޔެއްގެ ދެމެދުގައި 1.5 މީޓަރުގެ ދުރުމިނެއް ބެހެއްޓި އެވެ. ބޯޅަ ހޯދުމެއް ޓެކްލްކުރުމެއް ނެތެވެ.

އަދި ތަމްރީން ފެށުމުގެ ކުރިންނާއި ނިންމާފައި ވެސް އެކަކު އަނެކަކު ބައްދައި، ސަލާމްކުރުމެއް ވެސް ނެތެވެ. އާއްމުކޮށް ޓްރެއިނިން އަށް ފަހު ކުޅުންތެރިން ގެޔަށް ދާނީ ކޮމްޕްލެކްސްގެ ޗޭންޖިން ރޫމުން ފެންވަރައިގެން ކަމަށްވިޔަސް އިއްޔެ ފެންވަރަން ޖެހުނީ ގެޔަށް ގޮހެވެ. އަދި މެންދުރުގެ ކެއުން ވެސް ދިނީ ޕާރުސަލްތަށީގަ އެވެ.

ބަޔާނުގެ ތަމްރީންތައް ބަލަން އާއްމުކޮށް ކޮންމެ ދުވަހަކު ވެސް މަދުވެގެން 100 އެއްހާ ސަޕޯޓަރުން ކޮމްޕްލެކްސް އަށް ޖަމާވެ އެވެ. އެކަމަކު މި ފަހަރު ސަޕޯޓަރުން އައުން އޮތީ މަނާކޮށްފަ އެވެ.

ބަޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ބުނީ އެގޮތަށް ގްރޫޕްތަކަށް ބަހާލެވިގެން ތަމްރީންތައް ކުރިއަށް ގެންދިއުމުން ކުރެވެނީ ވަރަށް އެހެން ކަހަލަ އިހުސާސެއް ކަމަށާއި އެކަމަކު ކުޅުންތެރިންނާ އަލުން ބައްދަލުވުމުން ހިތްހަމަޖެހުނު ކަމަށެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ޖަރުމަނުގެ 103،375 މީހަކަށް ޖެހި 1810 މީހުން ވަނީ މަރުވެފަ އެވެ. އަދި 36،081 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.