ކޮވިޑް-19: ކްލަސިކޯގެ ހާއްސަ މެޗެއް ބާއްވަނީ
ކޮވިޑް-19: ކްލަސިކޯގެ ހާއްސަ މެޗެއް ބާއްވަނީ

މެޑްރިޑް (އޭޕްރީލް 7) - ކޮރޯނާވައިރަހުގެ ސަބަބުން މާލީ ގެއްލުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ތަރިންނާއި މިހާރު ވެސް އެ ޓީމުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭ ގޮތަށް ހާއްސަ އެލް ކްލަސިކޯ މެޗެއް ކުޅުމަށް މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް މެޗަކީ އެލް ކްލަސިކޯ އެވެ. ކޮރޯނާވައިރަހުގެ ހާލަތުން އަަރައިގަނެ ކަންތައްތައް ހަމަޔަކަށް އެޅުމާ އެކީ ހާއްސަ އެލް ކްލަސިކޯ މެޗެއް ކުޅުމުގެ ހިޔާލު ދިނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިކާ ކަސިއަސް އެވެ.

"މި ނުރައްކާތެރި ހާލަތުން ސަލާމަތް ވެވުނުހާ އަވަހަކަށް އަހަރެމެން ކުރީގެ ތަރިން އެބަޖެހޭ އެކުވެލައި ހާއްސަ އެލް ކްލަސިކޯ މެޗެއް ކުޅެން. ހުރިހާ ފަންޑެއް ލިބޭނީ އެހީ އަށް ބޭނުންވާ ފަރާތްތަކަށް،" ރެއާލް މެޑްރިޑަށް 500 އަށް ވުރެން ގިނަ މެޗު ކުޅެފައިވާ ކަސިއަސް ބުންޏެވެ.

ކަސިއަސްގެ ހިޔާލަށް އެންމެ ފުރަތަމަ ވެސް ތާއީދުކުރީ ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ޖަޕާނުގެ ވިސެލް ކޯބޭ އަށް ކުޅޭ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އެވެ. އިނިއެސްޓާ ބުނީ އެ މެޗު ކުޅެން އޭނާ ތައްޔާރަށް ހުރި ކަމަށާއި މެޗު ރާވަން އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އަމަލީ ގޮތުން ވެސް ބައިވެރިވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކަސިއަސް ވަނީ މި މެޗު ކުޅެން ބޭނުންވާ ކުރިން ރެއާލާއި ބާސެލޯނާ އަށް ކުޅުނު ހުރިހާ ކުޅުންތެރިންނަށް ވެސް ދައުވަތުދޭނެ ކަމަށް ބުނެފަ އެވެ. މެޗު ކުޅޭނެ ތާރީހެއް ކަނޑައެޅޭނީ ކޮވިޑް-19 އިން ސަލާމަތުގެ އައްސޭރި އަށް ދެވުމުން ކަމަށާއި އޭރަށް ހުރިހާ ކުޅުންތެރިން ވެސް ތައްޔާރަށް ތިބުމަށް އެދޭ ކަމަށް ބުންޏެވެ.

މިހާރު ބާސެލޯނާ އާއި ރެއާލަށް ކުޅެމުންދާ ކުޅުންތެރިން މި މެޗުގައި ކުޅޭނީ ކްލަބްތަކުން އެ ހުއްދަ ލިބޭނަމަ ކަމަށާއި މިއީ ޗެރިޓީ މެޗެއް ކަމަށް ވުމުން ހުރިހާ ފަރާތެއްގެ އެހީތެރިކަމެއް ބޭނުންވާނެ ކަމަށް ކަސިއަސްގެ އޭޖެންޓް ވަނީ ސްޕެއިނުގެ ރޭޑިއޯ އަކަށް އިންޓަވިއު ދީފަ އެވެ.

ކޮވިޑް-19 މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމަކީ ސްޕެއިން އެވެ. ދެ ވަނަ އަށް އެންމެ ގިނައިން މި ވައިރަސް ފެނުނު ސްޕެއިނުން މިހާތަނަށް މި ބައްޔަށް 136،675 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މި ކަމުގެ ސަބަބުން އެކި ފަރާތްތަކަށް އެކި ވަރުގެ ގެއްލުންތަށް ކުރިމަތިވަމުން އަންނައިރު ސަރުކާރުގެ ފަރާތުން އެހީތެރިކަމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. ސްޕެއިނުގެ ގިނަ ކްލަބްތަކުން ވެސް ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުޅުންތެރިންނާ އެކު މުސާރަ ކުޑަކުރަން އެއްބަސްވުމަކަށް އައިސްފަ އެވެ.