07 އެޕްރީލް 2020 - 13:42

މ. އިރާކުމާގޭގެ ވައި ގޮޅި ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނުުނު މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ އޭނާ ކޮޓަރީގައި ވެސް ނެތުމުން ކަމަށް، އާއިލާ އިން މިއަދު ބުނެފި އެވެ.
އެ ގޭގެ ތިން ވަނަ ބުރީގައި ދިރިއުޅެމުން އައި މުހައްމަދު ޖަލީލް، 37، ގެއްލިގެން ފުލުހުންނަށް އެންގީ ކޮޓަރީގައި ވެސް ނެތުމުން އޭނާގެ ބޭބެއަކު ރޭ 10:17 ހާއިރެވެ. ޖަލީލާއި އޭނާގެ ބޭބެގެ އިތުރުން ހަމަ އެ ބުރީގައި އޭނާގެ ދައްތައަކު ވެސް އުޅެ އެވެ.
ޖަލީލަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައި ހުރި، އަދި އުމުރުގެ ބޮޑު ބައެއް ޖަލުގައި ވެސް ހޭދަކުރި މީހެކެވެ. އޭނާ ޖަލުން ދޫކޮށްލިތާ އަދިވާނީ އަހަރެއްހާ ދުވަސް ކަމަށް ވެސް، އެނގިފައިވެ އެވެ.
އިރާކުގޭގެ އެހެން ބުރިއެއްގައި އުޅެމުން އަންނަ ޖަލީލްގެ ދައްތައަކު ބުނީ އިއްޔެ އެ ގެއިން އޭނާ ނުފެންނަ ކަމަށެވެ. ދެން ކޮޓަރި ބެލިއިރު އެ ތަން ވެސް ތަޅުލާފައި ހުރުމުން ތަޅު ހަލާކުކޮށްލައިގެން ވަން އިރު، ކޮޓަރީގައި ވެސް ނެތް ކަމަށް އޭނާގެ ދައްތަ ބުންޏެވެ. ފުލުހުންނަށް އެންގީ އޭގެ ފަހުންނެވެ.
ގާތްގަނޑަކަށް ރޭ 10:35 ހާ އިރު ފުލުހުން އެގެއަށް ގޮސް ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ވައިގޮޅި ތެރޭގައި އޮއްވަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައި އޮތް ކަމަށް ފުލުހުން ބުނެ އެވެ.
"އޭނާ މި ތަނަށް އަންނާނެ ކާ އެއްޗެހި ބަލާ. އިއްޔެ އެއްގޮތަކަށް ނުފެންނާތީ، ކޮޓަރި ބަލާފައި ކޮޓަރިން ވެސް ފެންނަން ނެތީމަ ފުލުހުންނަށް ރިޕޯޓުކުރީ،" ޖަލީލްގެ ދައްތަ ކިޔައިދިނެވެ.
އޭނާ މަރުވީ ފުންމާލައިގެން އަމިއްލައަށް ކަމެއް ނުވަތަ ވެއްޓިގެން ކަމެއް ނޭނގެ އެވެ. ޖަލީލްގެ ޓެސްޓުތަކެއް ހެދުމަށް ފަހު ރޭ ފަތިހު ވަނީ ވަޅުލައިފަ އެވެ.