އެގްރީމެންޓްގައި ސޮއިކުރާ މީހުންނަށް ގޮޅީގައި ތަކެތި ވިއްކޭނެ: ޝިފާ
އެގްރީމެންޓްގައި ސޮއިކުރާ މީހުންނަށް ގޮޅީގައި ތަކެތި ވިއްކޭނެ: ޝިފާ

އެގްރީމެންޓްގައި ސޮއި ކުރާ މީހުންނަށް މިހާރު ވެސް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ވަދެ، ތަކެތި ވިއްކޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދަތުރުވެރިންގެ މާކެޓު ރޯދައިގެ ކުރިން ހުޅުވާޅެ ކަމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ޝިފާ ވިދާޅުވީ، ގޮޅިތައް އާންމުންނަށް ދޫކުރަން ފަށައިފައިވާ އިރު އެގްރީމެންޓް ހަދައި ނިމުމުން ގޮޅިތަކަށް ވަދޭނެ ކަމަށެވެ.

"މިހާރު ދެ ތިން މީހުންނަށް ގޮޅިތައް ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައި. އެ މީހުން އަންނަނީ ގޮޅިތައް ތައްޔާރު ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މާރުކޭޓުގެ 165 ގޮޅިއަށް 2،000 ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ދަތުރުވެރިންގެ މާރުކޭޓް މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަންދުކުރީ އެ ތަން މަރާމާތު ކުރުމަށް ކަމަށް ބުނެ އެވެ. މާރުކޭޓުގައި ތަކެތި ވިއްކި މީހުންނަށް އެހެން ތަނެއް ނުދައްކައި ބަންދުކުރުމުން، އެ މީހުން ވިޔަފާރި ކުރިއަށް ގެންދިޔައީ މާރުކޭޓުގެ ބޭރުގައި ޓެންޓު ޖަހައިގެންނެވެ.

ޝިފާ ވިދާޅުވީ، އެގްރީމެންޓް ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިން ތިބެގެން ހިދުމަތް ދިނުމަށް ކަމަށްވާ އިރު ކޮންމެ ގޮޅިއަކުން ވެސް އެތަނުގައި މަސައްކަތް ކުރާނެ ދިވެހިންގެ ދެ މީހެއްގެ ފޮޓޯ އާ އެކު ހުށަހެޅުމުން، އެގްރީމެންޓްގެ ކަންކަން އަވަސް ކޮށްދޭނެ ކަމަށެވެ. މިހާރު ކުރިއަށްދާ ގޮތުން ރޯދަ މަހުގެ ކުރިން ދަތުރުވެރިންގެ މާރުކޭޓުން ތަކެތި ވިއްކަން ފަށާނެ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެއީ މާރުކޭޓް ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި މީހުންނާއި ކުރިން ގަވާއިދުން ގޮޅި ހިންގި މީހުންގެ ކެޓަގަރީ އާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ އަދި އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީ އެވެ. ދަތުރުވެރިންގެ މާރުކޭޓަށް މީހުން ހޮވާފައި ވަނީ ގުރުއަތުންނެވެ.