07 އެޕްރީލް 2020 - 11:25

ވޫހާން (އެޕްރީލް 7) - ކޮރޯނާވައިރަހުގެ ތަފާސް ހިސާބުތައް ބަލަހައްޓަން ފެށި ފަހުން އިއްޔެ އަކީ، ކޮވިޑް-19 ގައި ޗައިނާ އިން ފުރަތަމަ ފަހަރަށް މީހަކު މަރު ނުވާ ދުވަސް ކަމަށް އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފި އެވެ.
މާޗު މަހުން ފެށިގެން ޗައިނާގައި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ. ޗައިނާ އިން އަލަށް ފެންނަނީ އިމްޕޯޓެޑް ކޭސަސް ނުވަތަ އެ ގައުމުތަކުން އަންނަ މީހުންގެ ތެރޭން ޕޮޒިޓިވްވާ މީހުންނެވެ. މިހާތަނަށް ވަނީ ގައުމުން ބޭރުން ޗައިނާ އަށް ދިޔަ މީހުންގެ ތެރޭން ގާތްގަނޑަކަށް 1،000 މީހުން ޕޮޒިޓިވްވެފަ އެވެ.
ޗައިނާ އިން އިއްޔެ އަލަށް ރިޕޯޓްކޮށްފައި ވަނީ 32 ކޭސް އެވެ. އެއީ މުޅިން ވެސް ގައުމުން ބޭރުން އައި މީހުންނެވެ.
ޗައިނާ އިން ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީ މާދަމާ ހުޅުވާލަން ނިންމާވާއިރު ވައިރަސް އަލުން ފެތުރިދާނެކަމުގެ ބިރު އޮތް ކަމަށް ތަޖްރިބާކާރުން ދަނީ ބުނަމުންނެވެ.
ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި ޗައިނާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައި ވަނީ ޖެނުއަރީ 11 ގަ އެވެ. ޗައިނާ އިން ބޭރުން ފުރަތަމަ މީހާ މަރުވެފައި ވަނީ ފެބްރުއަރީ 2 ވަނަ ދުވަހު ފިލިޕީންސް އިންނެވެ.
ޑިސެމްބަރު 31 ގައި ވޫހާން ސިޓީން ފުރަތަމަ ކޭސް ރިޕޯޓްކުރި ފަހުން މިހާތަނަށް އެ ގައުމުން ވަނީ 81،740 މީހުން ޕޮޒިޓިވްވެ 3،331 މީހުން މަރުވެފަ އެވެ. ޗައިނާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭން 77،167 މީހުން ވަނީ ރަނގަޅުވެފަ އެވެ. ޗައިނާގައި މިހާރު ފަރުވާ ދޭން ތިބީ 1،242 މީހުންނެވެ.
މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 1.34 މިލިއަން މީހުން ޕޮޒިޓިވްވެ 74،782 މީހުން މަރުވެފަ އެވެ.