ކޮވިޑް-19: ލީގާއި ކޮންޓްރެކްޓްތަކުގެ މައްސަލަ އަށް ފީފާގެ ހައްލެއް
ކޮވިޑް-19: ލީގާއި ކޮންޓްރެކްޓްތަކުގެ މައްސަލަ އަށް ފީފާގެ ހައްލެއް

ޒިއުރިކް (އޭޕްރީލް 7) - ކޮރޯނާވައިރަސް ފެތުރޭތީ މެދުކަނޑާލާފައިވާ ލީގުތަކާއި މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންގެ މައްސަލަތަކަށް ފީފާ އިން ވަރަށް އަވަހަށް ހައްލުތަކެއް ހޯދައިދޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި މުއްދަތުގައި ފުޓްބޯޅަ ކްލަބްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކާ އެކު ފީފާ އިން އަންނަނީ އެކި ގޮތްގޮތުން މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑު މައްސަލަ އަކަށް ވެފައިވަނީ ގައުމުތަކުގެ ލީގުތަށް ފުރިހަމަކުރަން ދިމާވެފައިވާ ހުރަސްތަކުގެ އިތުރުން މެއި މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ކުޅުންތެރިންގެ ކަންތައްތައް ހައްލުކުރާނެ ގޮތެއް ހޯދުމަށެވެ.

ޔޫރަޕްގެ މައި އިދާރާ ޔުއެފާ އިން ވަނީ އެ ފެޑެރޭޝަނުގެ މެމްބަރު ގައުމުތަކާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ޔުއެފާ އިން ވަނީ އެއްވެސް ގައުމެއްގެ ލީގެއް ކެންސަލް ނުކުރަން އަންގައިފަ އެވެ. އަދި ސިއްހީ ކަންތައްތަކާ ބެހޭ މީހުންގެ ލަފާގެ މަތިން ފުރުސަތު ލިބުނުހާ އަވަހަަކަށް ލީގު ފަށަން ލަފާދިނެވެ. ފުޓްބޯޅަ ސީޒަން ދިގުލައި ދިޔަސް މުބާރާތްތައް ފުރިހަމަ ކުރަން ވަގުތު ދިނުމުގެ ގޮތުން މި އަހަރުގެ ޔޫރޯ އާއި ކޮޕަ އެމެރިކާ ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ޔުއެފާ އިން އެގޮތަށް އަންގާފައިވަނިކޮށް ބެލްޖިއަމުން ވަނީ އެ ގައުމުގެ ލީގު ކެންސަލްކޮށް އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ޗެމްޕިއަންކަން ދީފަ އެވެ. ބެލްޖިއަމް އެފްއޭ އިން އެ ނިންމުން އެއްކޮށް ރަސްމީކުރާނީ ޔުއެފާ އާއި ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރާ މަޝްވަރާތަކަށް ފަހު އެވެ. ޔުއެފާ އިން ވަނީ ލީގު ފުރިހަމަނުކުރާ ގައުމުތަކަށް އަންނަ ސީޒަނުގެ ޔޫރަޕްގެ ކްލަބް މުބާރާތްތަކުން ފުރުސަތު ނުދޭން ނިންމައިފަ އެވެ.

ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން އަންނަނީ ދިމާވެފައިވާ މައްސަލަތަކުގައި އަމަލުކުރަން ރަނގަޅު ގޮތްތަކެއް ފީފާ މެދުވެރިވެ ހޯދައިދިނުމަށް އެދެމުންނެވެ. އެ ގޮތުން ފީފާ އިން ވަނީ ކޮވިޑް-19އާ ގުޅިގެން ހުއްޓިފައިވާ ފުޓްބޯޅައިގެ ކަންތައްތަކަށް ހައްލު ހޯދާނެ ގޮތްތަކާ މެދު ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ލަފާދޭން ނިންމާފައިވަނީ ލީގުތަށް ފުރިހަމަކުރުމަށާއި މެއި މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިން ސީޒަން ނިމެންދެން މިހާރު ހަދާފައިވާ ކޮންޓްރެކްޓަށް އަމަލުކުރަން އެންގުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މި ވަގުތު ދިމާވާ މާލީ ދަތިތަކުން ހައްލެއް ހޯދަން އެކި ކްލަބްތަކުން އަންނަނީ އެ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ މުސާރައިން އެއްބަސްވެވޭ ވަކި ބައެއް އުނިކުރަން ނިންމައިފަ އެވެ. ފީފާ އިން މި ކަމަށް ވެސް ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނައިރު، ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ފީފާގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ކުޅުންތެރިންނަށް މުސާރަ ދޭން ޖެހޭނެ ކަމަށާއި ވަކި އަދަދެއް އުނިކުރަން ނިންމޭނީ ކުޅުންތެރިންގެ ރުހުން ލިބޭނަމަ ކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 1.3 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 286،463 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގަ އެވެ.