ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ލަންޑަން (އެޕްރީލް 7) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ޓެސްޓްތަކެއް ހެދުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް އޭނާގެ ހާލު ދެރަވެގެން އައިސީޔޫ އަށް ބަދަލުކޮށް މިރޭ ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 55 އަހަރުގެ ޖޯންސަން ލަންޑަނުގެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ އާދިއްތަ ދުވަހު ހަވީރު އެވެ. ޑޮކްޓަރުން ބުނެފައި ވަނީ ޖޯންސަން އެޑްމިޓްކުރީ ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ. ސިއްހީ އޮފިޝަލުން ބުނީ ޖޯންސަންގެ މޭގެ އެކްސް-ރޭއެއް ނަގައި ފުއްޕާމޭގެ ސްކޭނެއް ހަދާނެ ކަމަށެވެ. އަދި ހިތުގެ ފަންކްޝަން ބެލުމަށްޓަކައި އިލެކްޓްރޯކާޑިއޯގްރާމެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އޮކްސިޖަން ލެވެލް ޓެސްޓް ކުރުމާއި ވައިޓް ބްލަޑް ސެލް ކައުންޓާއި ލިވަ، ކިޑްނީ ފަންކްޝަން ޓެސްޓްތައް ވެސް ހަދާނެ އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑައިގެންފައި ވަނީ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ކަމަށެވެ.

ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިތާ 10 ދުވަސްވެއްޖެ އެވެ. ކޮރޯނާވައިރަހަށް ޖޯންސަން މާޗް 27 ގައި ޕޮޒިޓިވްވުމާ ގުޅިގެން ވަނީ އެކަހެރިވެވަޑައިގެންފަ އެވެ.