12 އޮކްޓޯބަރ 2016 - 11:22

ފެނަކައިގެ ޗެއާމަން މުހައްމަދު ނަދީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް އިސްތިއުފާ ދެއްވީ، އޭނާ އުންމީދުކުރި ގޮތަށް ކުންފުނީގެ ފަރާތުން ހިދުމަތް ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް އިސްތިއުފާގެ ސިޓީގައިވެ އެވެ. އަދި ކުންފުނީގައި ހުރި ބޮޑެތި ގިނަ މައްސަލަތައް ފާހަގަކުރެވިގެން، އެކަންކަން ހައްލު ކުރުމަށް އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދެންނެވި ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ ބޯޑުން ނިންމާ ކަންތައްތަކަށް އަމަލުކުރުން ލަސްވެ، ކުންފުނީގެ މައިގަނޑު މަގުސަދުތައް ހާސިލް ނުވެ، ކުންފުންޏާއި ރައްޔިތުންނަށް ބޮޑެތި ގެއްލުން ވަމުން ދިއުން ހިމެނެ އެވެ. އަދި ކުންފުނީގެ ބޯޑުން ވަކި އުސޫލުތަކެއް ކަނޑައަޅާފައި ހުރި ނަމަވެސް، ބައެއް ކަންކަމުގައި އެ އުސޫލުތަކުގެ ބޭރުން މުއާމަލާތުތައް ކޮށްފައި ހުރިކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ،" ޑިސެމްބަރު 25، 2013 އިން ފެށިގެން ފެނަކައިގެ ބޯޑުގެ މެމްބަރުކަން އަދި އެ ކުންފުނީގެ ޗެއާމަންގެ މަގާމު ފުރުއްވަމުން އައި ނަދީމްގެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ނަދީމް ފާހަގަކުރެއްވި ގޮތުގައި ކުންފުނީގެ ބޯޑަށް ނޭނގި ވެސް ބައެއް ކަންކަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވާފައި ވަނީ ފެނަކައަށް ޖެނުއަރީ 1، 2016 އިން ފެށިގެން ވަކި ގޮތަކަށް ޑީސަލް ގަތުމުގެ ކަންކަން ކުރުމަށް ރައީސް އޮފީހުން އަންގާފައި ވިޔަަސް، އެ ނޫން ގޮތަކަށް އެކަން ކޮށްފައި ވުމެވެ. އެކަމަކު މި މައްސަލައިގެ ތަފުސީލެއް ސިޓީގައި ނެތެވެ.
"...އަދި ބައެއް ހާލަތްތަކުގައި ކުންފުނީގެ ބޮޑެތި މައްސަލަތައް ބޯޑު މެމްބަރުންނަށް ނުވަތަ ޗެއާމަން އަށް އެނގެނީ މީޑިއާގެ ޒަރީއާއިންނާއި އާންމު ބައެއް ފަރާތްތަކުންނެވެ. ކުންފުނީގެ ކަންކަން ނިންމާ، ކަންކަމުގެ ޒިންމާ ނަގަން ޖެހެނީ ބޯޑު މެމްބަރުން ކަމަށްވާއިރު، ބޯޑަށް ނޭނގި ކަންކަން ނިންމުމަކީ އަޅުގަނޑަށް އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ،" ނަދީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކައިން ފާހަގަ ކުރެވުނު މައްސަލަތައް ހައްލު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ފެނަކައިގެ ޗެއާމަން ކަމުން ނަދީމް އިސްތިއުފާ ދެއްވިއިރު، އެ ކުންފުންޏަށް ޑޮލަރު ގަތުމަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން ވެގެން، ލޯންޗް ހިންގާ ކުންފުންޏަކަށް ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި އެ ފައިސާ އަށް ވާ މިންވަރަށް ޑޮލަރު ނުލިބުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލާގައި ލޯންޗް ކުންފުނީގެ އިސްވެރިއަކު ހައްޔަރުކޮށްފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފެންމަތިވިއިރު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް، ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކުރައްވައި، އެ މަގާމަށް އަހުމަދު ޝަރީފް އައްޔަން ކުރައްވައިފަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ ދޫކުރީ ފެނަކައިގެ ބޯޑުން ނިންމާފައިވާ ގޮތަށް ކަމަށާއި އެކަމަކު އަދިވެސް އެ ޑޮލަރު ނުލިބޭ ކަމަށެވެ.