07 އެޕްރީލް 2020 - 08:11

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަކީ އިންޓަނެޓްގެ އާ ޖީލު 5ޖީގެ ސަބަބުން ކުރިމަތިވެގެން އުޅޭ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކޮށް ދައްކަމުންދާ ވާހަކަތަކަށް ސައިންސްވެރިން ރައްދު ދީފި އެވެ.
ވަރަށް ގިނަ ބަޔަކު ވަނީ ފޭސްބުކާއި އިންސްޓަގްރާމާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި ކޮރޯނާވައިރަހާއި 5ޖީއާ ގުޅުވައިގެން އެކި ކަހަލަ ތިިއަރީތައް ނެރެ، އޭގެ ވާހަކަތައް ވަރަށް ފުޅާކޮށް ފަތުރައިފަ އެވެ. އެގޮތުން ކޮރޯނާވައިރަސް، 5ޖީ ނެޓްވޯކްގެ އެންޓަނާތަކުގެ ގަދަ ރޭޑިއޯ ވޭވްސް ގުޅުން އޮތް ކަމަށް ދައްކުވަން އެކި ކަހަލަ ވާހަކަތައް ފަތުރާފައިވެ އެވެ. 5ޖީއާ އާންމުވާން ފެށުމާ އެކު މިދިޔަ އަހަރު ވެސް އެ ނެޓްވޯކާއި ކެންސަރު ބައްޔާއި މޫސުން ލަފާކުރުން ފަދަ ދަތިތައް ދިމާދެވާނެކަމުގެ ވާހަކަތައް ދައްކާފައިވެ އެވެ.
އެގޮތުން މިހާރު މި ނެރެގެން އުޅޭ ތިއަރީގެ ތެރޭގައި މައިގަނޑު ދެ ކަމެއް ފާހަގަކޮށްގައިވެ އެވެ. އެއް ކަމަކީ 5ޖީ ނެޓްވޯކްގެ ރޭޑިއޭޝަނުން އިންސާނުންގެ ދިފާއީ ނިޒާމު ހަލާކުކޮށްލާ ވާހަކަ އެވެ. އަނެއް ވާހަކަ އަކީ 5ޖީ ނެޓްވޯކްގެ އެހީގައި ބަލި ފެތުރޭ ވާހަކަ އެވެެ.
ނަމަވެސް މިކަމާ ކަންބޮޑުވުން ފާޅުކޮށް އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ބުނީ އެއީ ކަނޑައެޅިގެން އެއްވެސް އޮއްޓަރެއް ނެތް ވާހަކަތެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް އެ މީހުން ސިފަކޮށްފައި ވަނީ ފޭކް ނިއުސްގެ ގޮތުގަ އެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ މެޑިކަލް ޑިރެކްޓަރު ސްޓެފެން ޕޯވިސް ވިދާޅުވީ ވާހަކަތަކެއް ފަތުރާ އިރު، ސާބިތުހިފޭ އަދި ބުއްދި ގަބޫލުކުރާ ކަހަލަ ވާހަކަތައް ފެތުރުން ރަނގަޅު ކަމަށެވެ.
"ކޮރޯނާވައިރަހާއި ފައިވްޖީއާ ގުޅުވައގެން ދައްކަނީ އެންމެ ފީކަޅާ ތާކުންތާކުނުޖެހޭ ފޭކް ވާހަކަތައް." އޭނާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ރީޑިންގެ ސެލިއުލާ މައިކްރޮބައޮލޮޖީ ޕްރޮފެސަރު ޑރ. ސައިމަން ކްލާކް ވެސް ވިދާޅުވީ 5ޖީގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ގެއްލުންވާ ކަމަށް ބުނާ ވާހަކަގައި ހަގީގަތެއް ނެތް ކަމަށެވެ.
"އެގޮތުން އެ ނޯޓްވޯކާއި އިންސާނުންގެ ދިފާއީ ނިޒާމާ ގުޅުވޭނެ އެއްވެސް ގޮތެއް ނެތް. އެހެންވެ ސައްހަ ނޫން ތޯތޯ ތިއަރީތައް ނުނެރުން ވަރަށް މުހިއްމު." އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް އެ ގައުމުގެ ޓްރޭޑް ބޮޑީ މޮބައިލް ޔޫކޭ އިން ވެސް ބުނީ ކޮރޯނާވައިރަހާއި 5ޖީއާ ގުޅުވައިގެން ދޮގު ވާހަކަތައް ފަތުރާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.