އަޖޭ އަށް ކިޔާނެ ފާޑެއް ނެތް، މާ ރަނގަޅު: ރަޖަމޯލީ
އަޖޭ އަށް ކިޔާނެ ފާޑެއް ނެތް، މާ ރަނގަޅު: ރަޖަމޯލީ

އެކްޓަރު އަޖޭ ދޭވްގަންއާ އެކު މަސައްކަތްކުރާ ވަރަށް ގިނަ ޑައިރެކްޓަރުން އޭނާގެ ހުނަރާއި ޕްރޮފެޝަނަލް ކަމަށް ވަރަށް ތައުރީފުކުރެ އެވެ. މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ "މައިދާން" ގެ ޑައިރެކްޓަރު އަމިތު ޝަރުމާ ވެސް އަޖޭ އަށް ތައުރީފުކޮށް ދާދި ފަހުން ވާހަކަ ދައްކާފައިފި އެވެ.

މި ފަހަރު އަޖޭ އަށް ސަނާ ކިޔާފައި ވަނީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ކަމަށްވާ "ބާހްބަލީ" ގެނެސްދިން އެސްއެސް ރާޖަމޯލީ އެވެ. އަންނަ އަހަރު އޭނާ ގެނެސްދޭ "އާރްއާރްއާރް" އިން އަޖޭ ފެންނާނެ އެވެ. އެކަމަކު ސަޕޯޓިން ރޯލަކުންނެވެ.

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ލީޑް ބަތަލާގެ ރޯލް ކުޅޭ ފިލްމުގެ ލީޑް ބަތަލުންނަކީ ދެކުނުގެ ދެ ތަރިން ކަމަށްވާ ރާން ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.

އަޖޭގެ ރޯލާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާއާ ވާހަކަ ދައްކަމުން ރާޖަމޯލީ ބުނީ "އާރްއާރްއާރް" ގައި އަޖޭ ފެނިގެންދާ ކެރެކްޓާ އަށް އެ ނޫން އެއްވެސް މީހަކަށް ފިޓްނުވާނެކަން ފިލްމު ބަލާ މީހުންގެ މެޖޯރިޓީ އެއްބަސްވާނެ ކަމަށެވެ. އެގޮތުން އެ ރޯލަށް އަޖޭ ފިޓްވަނީ ކިހާ ވަރަކަށްތޯ ބަލަން ބެލުންތެރިންގެ ފަރާތުން އަހައިފި ނަމަ ގިނަ ބަޔަކު 10 އިން ނުވައެއްގެ މާކްހެއް ދޭނެ ކަމަށް ރާޖަމޯލީ ބުންޏެވެ.

"ފިލްމުގެ ވަރަށް ވެސް މުހިއްމު ކެރެކްޓާއަކުން އަޖޭ ފެންނާނީ. އަހަރެން އޭނަ ފިލްމަށް ނަގަން ބޭނުންވި ސަބަބަކީ ވެސް އެ ނޫން މީހަކަށް އެ ރޯލް ނުކުޅެވޭތީ. އަޖޭގެ މޫނުމަތީގެ ހަރަކާތްތަކާއި އޭނާ ކިޔާލާ ޑައިލޮގްތަކަކީ ފިލްމު ބަލާ މީހުންގެ ހިތްތަކާ ކުޅެލާވަރުގެ ކަންކަމަށް ވާނެ." އޭނާ ބުންޏެވެ. "އަޖޭގެ ކެރެކްޓާވެގެން ދާނީ އޭނާ ކުރާ ކޮންމެ ކަމަކާއި ބުނެލާ ކޮންމެ އެއްޗެއް ބެލުންތެރިންނަށް ވަރަށް ގަބޫލުކުރެވޭ ކަހަލަ ކަންކަމަށް. އެވަރުގެ ޝަހުސިއްޔަތު ވަރުގަދަ އެކްޓަރެއް އަހަރެން ފިލްމަށް ބޭނުންވީ ވެސް."

ރާޖަމޯލީ ބުނީ އަޖޭ ފިލްމަށް އެއްބަސްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށާއި އެއީ "އާރްއާރްއާރް" ފުރިހަމަވުމުގެ މައިގަނޑު އެއް ސަބަބަށް ވާނެ ކަމަށެވެ.

"އަޖޭގެ މަސައްކަތާ ގުޅޭ ގޮތުން އަހަރެން ކިޔާނެ އެއްވެސް ފާޑެއް ނެތް. އަހަރެން ބޭނުންވި ވަރަށް ވުރެ މާ ރަނގަޅަށް ވެސް އޭނާ ވަނީ މަސައްކަތްކޮށް ދީފައި." އޭނާ ބުންޏެވެ.

"އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ. މީގައި ދައްކުވައިދޭނީ 1920 ގައި ހިނގާ ހަނގުރާމައެއްގެ ވާހަކަ އެވެ.

އަޖޭ އަށް ރާޖަމޯލީ ތައުރީފު އޮއްސައިލި އިރު، މި ފިލްމަށް އޭނާ އެއްބަސްވީ އެއްވެސް އަގަކާ ވެސް ނުލަ އެވެ.