06 އެޕްރީލް 2020 - 16:27

ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަމާ ހެދި ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކަށް ބަލައި، މަޝްހޫރު ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި އެވެ.
ދަރަނި އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު ވަޒަންކޮށް ދޭ މި ރޭޓިންގައި ފިޗުން ރާއްޖެ އަށް ދީފައިވާ "ބީ ޕްލަސް" މިހާރު ވަނީ "ބީ" އަށް ދަށްކޮށްފަ އެވެ.
ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ.
ފިޗުން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހާ ހެދި ޓޫރިޒަމްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުން ރިސެޝަނަކަށް ނުގޮސް ސަލާމަތްވެދާނެ ކަމަކަށް ނުފެނެ އެވެ. މިއަހަރުގެ އިގްތިސާދީ ކުރިއެރުން ފަސް ޕަސެންޓުގައި ހުންނާނެ ކަމަށް ފިޗުން ކުރިން ލަފާކޮށްފައިވެ އެވެ. އަދި އަހަރު 10 ޕަސެންޓަށް ކުރިއަށްދާނެ ކަމަށް ވެސް ކުރިން އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް މި މިންވަރަށް ކުރިއެރުން ހުންނާނެ ކަމާ މެދު މިހާރު ޝައްކު ކަމަށް ބުންޏެވެ.
މިހާރުގެ ހާލަތަށް ބަލާއިރު 2009 ވަނަ އަހަރު ކުރިމަތިވި ގްލޯބަލް ފައިނޭޝަލް ކްރައިސިސް އާއި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އިގްތިސާދަށް މާބޮޑު ގެއްލުމެއް ކުރިމަތިވެފައިވެ އެވެ. އެގޮތުން 2009 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓު ދަށަށް ދިޔަ އިރު 2004 ވަނަ އަހަރު އިގްތިސާދު ވަނީ 13.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ފިޗުން ބުނީ މީގެ ކުރިން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އަލުން ފަށާފައިވާ މަޝްރޫއުތަކާއި އަލަށް އަޅާ ބްރިޖްގެ މަސައްކަތް ފަދަ ކަންކަމުން މިއަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ އިރު ދަރަނި 73 ޕަސެންޓަށް އިތުރުވާނެ އެވެ. މިދިޔަ އަހަރު ދަރަނީގެ މިންވަރު ހުރީ 60 ޕަސެންޓުގަ އެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަނުން ވަރަށް ބޮޑަށް ދަށްވާނެ އެވެ. މިހާލަތުން އަރައިގަތުމަށް ބަޖެޓަށް އިތުރު 12 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. ސަރުކާރުން ވަނީ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ސްޓިމިއުލަސް ޕެކޭޖްތަކެއް ވެސް އިއުލާނުކޮށްފަ އެވެ.