ކަވަ ގާލްގެ ފުރަތަމަ ފިރިހެން ސްޕޯކްސް މޮޑެލް
ކަވަ ގާލްގެ ފުރަތަމަ ފިރިހެން ސްޕޯކްސް މޮޑެލް

އެމެރިކާގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް ކަވަގާލް އަކީ އެކި ވައްތަރުގެ ކޮސްމެޓިކްސް އަތްފޯރާ ފަށުގައި އުފައްދާ ކުންފުންޏެކެވެ. ކަވާގާލްގެ އިސްތިހާރުތަކަކީ ވަރަށް ކުލަގަދަ އަދި މީހުން ގަޔާވާ ސްޓައިލަކަށް ތައްޔާރު ކޮށްފައިވާ އިސްތިހާރު ތަކެކެވެ.

ކޭޓީ ޕެރީ، ޒެންޑާޔާ، ޓޭލާ ސްވިފްޓް އަދި އެމެރިކާޒް ނެކްސްޓް ޓޮޕް މޮޑެލް މުބާރާތުން ކާމިޔާބުވި މޮޑެލުން ވެސް ކަވަގާލްގެ އިސްތިހާރުތަކުގައި ފީޗާ ކޮށްފައިވެ އެވެ.

ފިލްމު ކުޅޭ އަންހެން ތަރިންނާއި ލަވަކިޔުންތެރިން އަދި މޮޑެލުން އާންމުކޮށް ފީޗާކުރާ ބްރޭންޑެއް މިފަހަރު ހުށަހަޅައިދިނީ ވަރަށް ތަފާތު މޮޑެލެކެވެ. އެއީ ޔޫޓިއުބް ވްލޮގާ އަދި މޭކަޕް އާޓިސްޓް ޖޭމްސް ޗާލްސް އެވެ.

އުމުރުން 17 އަހަރުގެ ޖޭމްސް ކަވަ ގާލްގެ "ސޯ ލޭޝީ" މަސްކާރާ ލޯންޗު ކުރުމުގެ އިތުރުން ކަވަ ގާލްގެ ހުރިހާ ޕްރޮމޯޝަނަލް އިސްތިހާރުތަކެއްގައި ވެސް ފެނިގެންދާނެ އެވެ.

ކަވާގާލްގެ ފުރަތަމަ "ކަވަ ބޯއީ" ޖޭމްސްގެ މަސައްކަތުންނާއި އޭނާގެ މިޒާޖުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ކަވަގާލްގެ ޕްރެސް ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

ހާޕާޒް ބާޒާރް މަޖައްލާއިން ބުނިގޮތުގައި ޖޭމްސް އަކީ ވަރަށް މަޖާ މިޒާޖެއްގެ ރަނގަޅު މީހެކެވެ. އަދި އޭނާގެ މޭކަޕް ހުނަރު ހައިރާންވާހާ މޮޅު ކަމަށް ބުނެފައިވެ އެވެ.

ކަވަގާލްގެ މި ތަފާތު ހަބަރު އިއުލާން ކުރީ އިންސްޓަގްރާމްގަ އެވެ. އަދި ބްރޭންޑް އެމްބެސަޑާ ކޭޓީ ޕެރީއާ އެކު ޖޭމްސް މޮޑެލްކޮށްފައި ހުރި ފޮޓޯތައް ކޭޓީގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކުރި އެވެ.