06 އެޕްރީލް 2020 - 13:20

މެލޭޝިއާގަައިި ތިބިި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އޮންލައިން ޓިކެޓް ގަތުމުގެ ފުރުސަތު މޯލްޑިވިއަން އިން މިއަދު ހުޅުވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ބައެއް ގައުމުތަކުގެ ވައިިގެ ދަތުރުތައް ހުއްޓާލުމުން ރާއްޖޭގެ ގައުމީ އެއާލައިިން މޯލްޑިވިއަން އިން އަންނަނީ އެ ގައުމުތަކަށް ޗާޓަރު ފްލައިޓްތައް ބާއްވައި، އެ ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގެންނަން މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައިވަނީ މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް މިއަދު ހަވީރު 5 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށާއި އެ ފްލައިޓް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި ފުރާ ގަޑިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޯލްޑިވިއަންގެ ޓްވީޓްގައިވެ އެވެ. އެކަމަކު ޓިކެޓް ވިއްކާ އަގު މޯލްޑިވިއަން އިން އަދި ހާމައެއް ނުކުރެ އެވެ.
މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެންނަން އަންނަ ބުދަ ދުވަހު ފްލައިޓްތަކެއް ބާއްވާއިރު، ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 100 މީހަކު ރޭ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެންނަން ވެސް ފްލައިޓްތަކެއް ބާއްވަން މޯލްޑިވިއަން އިން ހަމަޖައްސާފައި ވާއިރު، އެއްކޮޅު ޓިކެޓްތަކުގެ އަގު އުޅެނީ 4،000ރ. އަށް ވުރެ މަތީގަ އެވެ. އެ އަގުތަކާ ގުޅިގެން ފާޑުކިޔުންތައް ބޮޑުވެފައި ވާއިރު، އެކަމާ ގުޅިގެން މޯލްޑިވިއަން އިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާގައި ތިބި ދިވެހިން ގެންނަން މަސައްކަތް ކުރާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އެ އެންމެން ވެސް ރާއްޖެ އައުމަށް ފަހު 14 ދުވަހު ކަރަންޓީންގައި މަޑުކުރަން ޖެހޭނެ އެވެ.